23 Jan 2011, 14:27
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަޒީފާ ދޭން ކަނޑައެޅުމުން ވެސް ސިވިލް ސާވިސްގެ މުވައްޒަފަކަށް ހޯމް މިނިސްޓްރީން ވަޒީފާ ނުދީ ހިފަހައްޓާފައިވާ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހޯމް މިނިސްޓްރީގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އުފުއްލަވަމުން ސީއެސްސީގެ ވަކީލު އަބްދުއް ނާސިރު ވިދާޅުވީ ކޮމިއުނިޓީ އޮގަނައިޒޭޝަން ޑެވެލޮޕްމަންޓް ކައުންސިލް (ސީއޯޑީސީ) އުވާލުމުން ޅ. ނައިފަރު، ކަރަންކާގޭ، ޔޫސުފް ރިޔާޒް ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫން 9، 2010 ފެށިގެން އޭނާ ވަޒީފާއަށް ނުނުކުތުމަށް ހޯމް މިނިސްޓްރީން އަންގައި ވަޒީފާއަށް ނުކުތުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ރިޔާޒަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގުމުން ވެސް އެކަމާ ހޯމް މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ރިޔާޒު ވަޒީފާއަށް ނުކުތުމަށް ހޯމް މިނިސްޓްރީން ހުރަސްއަޅާފައި ވަނީ އޮނިގަނޑުގައި ނެތް ވަޒީފާއަކަށް މުވައްޒަފަކު ނުބެހެއްޓޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ބުނެ ކަމަށެވެ. އެކަމަކު ސީއެސްސީގެ މުވައްޒަފަކު ވަޒީފާއަށް ވެއްދުމާއި ވަކި ކުރުމުގެ ފުރިހަމަ ބާރު ހަމައެކަނި ލިބިގެންވަނީ އެ ކޮމިޝަނަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. މީގެ ސަބަބުން ގާނޫނު އަސާސީން ރިޔާޒަށް ލިބިދޭ ވަޒީފާ އަދާ ކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ރިޔާޒަށް ވަޒީފާ އަދާ ކުރުމަށް އެއްވެސް ފަރާތަކަށް ދަތި ނުކުރެވޭނެ ކަމަށް ކަނޑައަޅައި ޖޫން 9، 2010 އަކުން ފެށިގެން އޭނާއަށް ސީއެސްސީން ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
ވަކީލު އަދި ވިދާޅުވީ މި މައްސަލައިގައި ސޮލިސިޓާ ޖެނެރަލް އަބްދުﷲ މުއިއްޒުއާ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ގޮތަކަށް ނިންމުމުން އެއާ ހިލާފަށް އަމަލު ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް އެފަރާތުން ވެސް ވިދާޅުވި ކަމަށެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލު އަހުމަދު ހުޝާމް ވިދާޅުވީ މި މައްސަލައިގައި ސާފު ކުރަންޖެހޭ ކަންތައްތައް ބެލުމަށްފަހު ޖަވާބެއް އެރުވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ގާޒީ އާއިޝާ ސުޖޫން މުހައްމަދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ވަކީލަށް އެ ފުރުސަތު ދެއްވުމަށްފަހު އެވެ.