ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މެލޭޝިޔާގައި ދަތުރުފުޅު ކުރެއްވި ކާރުކޮޅު އެކްސިޑެންޓު ވެއްޖެ އެވެ.

ރައީސް ވަހީދުގެ ތަރުޖަމާން އަހްމަދު ތައުފީގު (ޓޯޕީ) 'ސަން' އަށް ވިދާޅުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި އެ އެކްސިޑެންޓު ހިނގި އިރު ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ކާރުކޮޅުގައި ތިއްބެވީ ޑްރައިވަރާއި ސެކިއުރިޓީ ކަމަށެވެ. އެ ހާދިސާގައި އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުލިބޭ. ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވީ ހެޔޮހާލުގައި،" ޓޯޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ވެހިކަލް އުފުލާ ޓްރަކަކުން ރައީސް ވަހީދުގެ ކާރުކޮޅުގައި ޖެއްސުމުން ކަމަށެވެ. އެ ކާރުކޮޅުގައި ޖެއްސުމަށް ފަހު ޓްރަކްގެ ޑްރައިވަރު ފިލާފައިވާ ކަމަށާއި މެލޭޝިއާގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޓޯޕީ ވިދާޅުވި އެވެ.