09 Oct 2014, 17:57
ސޮނީ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ، ރީފްސައިޑުން މިއަދު ސޮނީ ބްރާވިއާ ބްރޭންޑުގެ މުޅިން އައު ހަތަރު މޮޑެލްއެއް ބާޒާރަށް ނެރެފި އެވެ.
ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ހަތަރު މޮޑެލްއަކީ "ހައި ރިޒޮލިއުޝަން ފޯކޭ ވީޑިއޯ" އަށް ޚާއްސަ ޓީވީއަކާއި "އިންޓަނެޓް ޓީވީ" އަކާއި "އިންޓަނެޓް ތްރީޑީ" ޓީވީއެއްގެ އިތުރުން "އެކްސްޓްރާ ޕްރޮޓެކްޝަން" މޮޑެލްގެ ޓީވީ އެކެވެ.
ހައިރިޒޮލިއުޝަން ފޯކޭ ވީޑިއޯ މޮޑެލްއަކީ އެއިން ދައްކައިދޭ ވީޑިއޯތައް ފުލް އެޗްޑީގެ ހަތަރު ގުނަ އިތުރަށް ދައްކުވައިދިނުމުގެ ގާބިލްކަން ލިބިފައިވާ ޓީވީއެކެވެ. އެ މޮޑެލްގެ ހަތަރު ސައިޒެއް މިއަދު ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ 40 އިންޗި އާއި 55 އިންޗީގެ އިތުރުން 70 އިންޗީގެ ޓީވީ އެކެވެ.
އޭގެ އިތުރުން މިއަދު ނެރެފައިވާ އިންޓަނެޓް ޓީވީއަކީ ޓީވީ މެދުވެރިކޮށް އިންޓަނެޓުން ވީޑިއޯ ފަދަ ތަކެތި ބެލޭނެ ގޮތަށް ފަރުމާކޮށްފައިވާ ޓީވީ އެކެވެ. އަދި އިންޓަނެޓް ތްރީޑީ މޮޑެލް މެދުވެރިކޮށް ތްރީޑީ ވީޑިއޯ އިންޓަނެޓުން ބެލެއެވެ. އިންޓަނެޓް ޓީވީގެ ޖުމްލަ ހަތަރު ސައިޒެއް މިއަދު ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ 32 އިންޗިއާއި 40 އިންޗި އާއި 42 އިންޗީގެ އިތުރުން 48 އިންޗީގެ ޓީވީއެކެވެ. އަދި އިންޓަނެޓް ތްރީޑީ މޮޑެލްގެ 55 އިންޗިއާއި 70 އިންޗީގެ ޓީވީއެއް މިއަދު ވަނީ ބާޒާރަށް ނެރެފަ އެވެ.

އެ މޮޑެލްތަކަށް އެންމެ ކޮލިޓީ ރަނގަޅު ވީޑިއޯ މީޑިއާނެޓް މެދުވެރިކޮށް ލިބިދޭ އިރު އިންޓަނެޓް ޓީވީއަށް އިންޓަނެޓް ދޫކޮށްދެނީ މަޝްހޫރު މުވާސަލާތީ ކުންފުނި، އުރީދޫގެ ފޯޖީ ނެޓްވޯކު މެދުވެރިކޮށެވެ.