"ވޯލްޑް ސައިޓްޑޭ" ފާހަގަ ކުރުމުގެ ގޮތުން އައިކެއާއިން ހިލޭ ލޯ ދެއްކުމުގެ ހިދުމަތާއި ލޮލާއި ގުޅޭ މައުލޫމާތު ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައިކެއާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ވޯލްޑް ސައިޓްޑޭ" ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ ނުވަ އަކުން 16 އަށް ހިލޭ ކޮންސަލްޓޭޝަން ހިދުމަތް ދިނުމާއި ލޮލާއި ގުޅޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ލޮލާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައިކެއާއިން ބުނީ ލޮލުގެ ފެނުން ގެއްލުމަށް މެދުވެރިވާ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލާފައި ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ވޯލްޑް ސައިޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އޮކްޓޯބަރު މަހެއްގެ ދެވަނަ ބުރާސްފަތި ދުވަހެވެ.

އައިކެއާ އިން ބުނީ ވޯލްދް ސައިޓުޑޭ ފާހަގަ ކުރުމުގެ ގޮތުން ތަފާތު ޖަމިއްޔާތަކާއި ޖަމާއަތްތަކުން ވަނީ ލޯފަން ވުމުން ދިފާއު ވުމަށް އެޅެން ހުރި ފިޔަވަޅުތަކާ މެދު ހެލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ލޮލުގެ ފެނުން ގެއްލިފައިވާ 180 މިލިއަން މީހުން ދުނިޔޭގައި އުޅެ އެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ސައުތުއީސްޓް އޭޝިއާ އެވެ.

ރާއްޖޭގައި ލޮލުގެ ފެނުން ގެއްލިފައިވާ މީހުންގެ ތެރެއިން 64 ޕަސެންޓް މީހުންނަކީ ލޮލުގެ ލެންސް ފުސްވުމުންނާއި ލޮލުގެ އަލި ފޯކަސް ކުރމުގައި ދިމާވާ މައްސަލަތަކުންނާއި ކުޑައިރު ލޮލުގެ ފެނުން ގެއްލުމާއި ލޮލުގެ ފެނުން ދަށްވެގެން ގޮސް ލޮލުގެ ފެނުން ގެއްލޭ މީހުން ކަމަށް އައިކެއާއިން ބުނެ އެވެ.