މީޑިއާނެޓުން ކ. އަތޮޅާއި ސ. އަތޮޅު ސަރަޙައްދުގައި ހިމެނޭ ނެޓްވޯކްގައި ދިވެހި ބްރޯޑްކާސްޓް ޗެނަލްތައް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުންގެ އަތުން ހަތަރު ރުފިޔާގެ ރޭޓުން ފައިސާ ނެގުމުގެ ހުއްދަ ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ފާސްކޮށްފި އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ޢާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނީ ރައިޑިންގް ފީގެ ގޮތުގައި ކޮންމެ ގޭބިސީއަކުން ހަތަރު ރުފިޔާ މީޑިއާ ނެޓަށް ނެގިދާނެ ކަމަށެވެ.

މިއަގު ފާސްކުރުމާ އެކު ކަނޑައަޅާފައިވާ ޝަރުތުތަކަކީ، ކޮންމެ ހަތަރު މަހުން އެއްމަހު މީޑިއާނެޓްގެ ޚިދުމަތް ދެމުންދާ ސަރަޙައްދުތަކުގައި ހިމެނޭ ކަނެކްޝަންތަކުގެ އަދަދު ސަރަޙައްދު ވަކިން އެނގޭނޭހެން ކޮމިޝަނަށް އެންގުމާއި މީޑިއާނެޓްގެ ކަނެކްޝަންތަކުގެ އަދަދަކީ ޢާންމު ފަރާތްތަކަށް ސަރަހައްދުތައް ވަކިން އެނގޭނޭހެން ޝާއިޢު ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވުމާ އަދި ލައިސަންސް ދީފައިވާ ކޮންމެ ސަރަޙައްދަކަށް ވަކިން ރައިޑްކުރުމުގެ ފުރުސަތު ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތުމެވެ.

މީޑިއާ ނެޓުން މިހާރު ވެސް ކޮންމެ ޗެނަލަކުން މަހަކު ގާތްގަނޑަކަށް 80،000 ރުފިޔާ ރައިޑިން ފީގެ ގޮތުގައި ނަގަ އެވެ. މާލޭގައި އެކަނި ވެސް 40،000 ވަރަކަށް ގޭ ބިސީ ހުންނާނެ ކަމަށް ރިޕޯތައް ބުނެ އެވެ.