09 Oct 2014, 15:48
ބައެއް ރަށްރަށުން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، އަނިޔާކުރަނީ ފުލުހުންނަކީ ކިހާ މުހިއްމު ބައެއްކަން ބައެއް ރައްޔިތުންނަށް ނޭންގޭތީ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެލިދޫ ކައުންސިލުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ސީޕީ ވިދާޅުވީ، ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ރަށްރަށުގައި ފުލުހުންނަށް އަނިޔާކޮށް ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅަނީ ފުލުހުންގެ މުހިއްމުކަން ބައެއް މީހުންނަށް ނޭންގޭތީ،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ކޮމިޝަނަރު އެހެން ވިދާޅުވެފައި މި ވަނީ، ފުލުހުން ތަހުގީގު ކުރަމުން އަންނަ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރީއަށް ރޭ ފުލުހުން އެރުމުން އެރަށުން ފުލުހުންނަށް ހަމަލާދީފައި ވަނިކޮށެވެ.
ބައެއް މައްސަލަތަކުގައި ހައްޔަރުކުރާ މީހުން މުއްދަތު މައްސަލާގައި ދޫވުން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފާހަގަކުރައްވައި ހުސައިން ވިދާޅުވީ، އެއްވެސް މީހަކު ގާނޫނާ ހިލާފަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ފުލުހުން މަސައްކަތް ނުކުރާނެ ކަމަށެވެ.
އޭގެ ބަދަލުގައި ފުލުހުން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބި ހާދިމުންގެ ގޮތުގައި ކަމަށް ސީޕީ ވިދާޅުވި އެވެ.