ގދ. ފިޔޯރީއަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގދ. ފިޔޯރީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހުގެރޭ އެއަތޮޅު ވާދޫން ޑިންގީއެއްގައި ފިޔޯރީއަށް ގޮސް ބަނދަރުމަތިން ހިނގާފައިދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާ އެވަގުތު ހުރި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓަކާއި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމާއި ބިރުދެއްކުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި އެއަތޮޅު ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގދ. ފިޔޯރީ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.