09 Oct 2014, 14:56
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިންގް ސްޓާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަަކު ސަން އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިއްޔެ ދޫކޮށްލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު ގޭ ބަންދަށް ބަދަލުކޮށްފައިވާ އުމުރުން 22 އަހަރުގެ މީހާ ކަމަށެވެ. އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުންނެވެ.
އެ މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ގޭބަންދަށް ފަސް ދުވަސް ޖަހައިދީފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 22 އަހަރުގެ އެހެން މީހަކު ވެސް އެ ދުވަހު ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލާފަ އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހާ އެކަންޏެވެ. ސައުވީސް އަހަރުގެ މީހާގެ ބަންދަށް ކޯޓުން މިމަހުގެ 5 ވަނަ ދުވަހު ވަނީ 10 ދުވަސް ޖަހައިދީފަ އެވެ. އަދި 25 އަހަރުގެ މީހާގެ ބަންދަށް ވަނީ މި މަހުގެ 4 ވަނަ ދުވަހު 7 ދުވަސް ޖަހައިދީފަ އެވެ.
ރިޟްވާން މައްސަލާގައި ހައްޔަރު ކުރި އެއްވެސް މީހެއްގެ އުމުރު ނޫން އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެެއް ނުވެ އެވެ.
ރިޟްވާން ގެއްލިގެން ހޯދަމުންދާތާ ދެ މަސް ވެފައިވާ އިރު އޭނާ ގެއްލިގެން ފުލުހުން ވަނީ ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތައް ބަލައި، ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކެއް ހޯދާފަ އެވެ. ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ ރާއްޖެ އިން ބޭރަށް ވެސް ފޮނުވާފަ އެވެ.