އިނގިރޭސިވިލާތުގެ އާސެނަލް އަށް ކުޅެމުން އަންނަ މިޑްފީލްޑާ މެސުޓް އޮޒިލް އަށް އަނިޔާވެ ތިން މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޖަރުމަނުގެ ކުޅުންތެރިޔާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އިން ވަނީ ކަށަވަރުކޮށްފަ އެވެ. އުމުރުން 25 އަހަރުގެ އޮޒިލް އަށް އަނިޔާވެފައި ވަނީ އެންމެ ފަހުން ޕްރިމިއާ ލީގުގެ ލަންޑަން ޑާބީ މެޗުގައި އާސެނަލް އާއި ޗެލްސީ ވާދަކުރި މެޗުގަ އެވެ.

އޮޒިލްގެ އަނިޔާއަކީ އާސެނަލްގެ ސަޕޯޓަރުންގެ އިތުރުން މެނޭޖަރު އާސެން ވެންގާއަށް ވެސް ލިބުނު ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. ރެކޯޑް ފީއަކަށް ޓީމާއި ގުޅުނު ކުޅުންތެރިޔާއަށް ސީޒަންގެ މުހިއްމު ގިނަ މެޗުތަކެއް ގެއްލިގެން ދާނެ އެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗަކާއި ޔޫރޯ 2016 ގެ ކޮލިފަޔާސްގައި ޖަރުމަނު ކުޅޭ ތިން މެޗެއްގެ އިތުރުން ނޮވެމްބަރު މަހު ސްޕެއިން އާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗު ހިމެނެއެވެ.

މިޒީސަންގައި އާސެނަލް އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިވެފަ އެވެ. ފްރާންސްގެ ދެ ކުޅުންތެރިން ކަމަށް ވާ އޮލިވިއާ ޖިރޯޑް އާއި މެތިއު ޑެބިއުޗީގެ އިތުރުން ރާމްސީ އާއި ކެޕްޓަން މިކެލް އާޓޭޓާ ވެސް ހުރީ އަނިޔާގަ އެވެ. އިނގިރޭސި ފޯވަޑް ވޯލްކޮޓް އަނިޔާއިން އެނބުރި އައިސް މިހާރުވަނީ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ނަމަވެސް ފުރަތަމަ 11 އަށް އެރުމަށް އަދި އެއް މަސް ދުވަސްވަރު ނަގާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ލީގުގައި އާސެނަލް އަށް ވަނައިގައި އޮތް އިރު އޮޒިލް ވަނީ މިސީޒަންގައި މިހާތަނަށް ކްލަބަށް ގޯލަކާއި އެސިސްޓެއް ކޮށްދީފަ އެވެ.