23 Jan 2011, 14:04
ބ. ކެންދޫން ފުރައިގެން މާލެ ދަތުރުކުރި ބޯޓަކުން 21 އަހަރުގެ ޒުވާނަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ، ބ.ކެންދޫ އިން ފުރައިގެން މިއަދު ހެނދުނު މާލެ އަށް ދަތުރުކުރި "އަމާޒު" ނަމަކަށް ކިޔާ ބޯޓުން ގެއްލުނީ ކެންދޫ، ބީޗް ހައުސް، އަހްމަދު ނިމާލް ކަމަށެވެ. އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބުނީ މިއަދު 1:17 ގައި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
"ކުއްޖާ ގެއްލުނު ކަމަށް ފާހަގަވެފައި މިވަނީ މިއަދު 12:45 ހާއިރު. ހިންމިޔާ ފަރުގެ ހުޅަނގުން 4 މޭލު ބޭރަށް ގެއްލުނީ. އޭނަ ގެއްލުނުކަން ފާހަގަވީ ފާހަނާއަށް ގޮސް ނައިސް ލަސްވެގެން ބޯޓު ތެރެ ބަލައި ހޯދުމުން ނުފެނުމުން ކަމަށް ބޯޓު ކެޕްޓަން ބުނި،" އެމްއެންޑީއެފްގެ މީޑިއާ އޮފިސާ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވި އެވެ.
ނިމާލް އަކީ އެއްވެސް ބައްޔެއް ހުންނަ ޒުވާނެއް ނޫން ކަމަށާއި އޭނާ ބޯޓަށް އެރީ މާލެ އަންނަން ކަމަށް ވެސް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އަބްދުﷲ ވިދާޅުވި އެވެ.
ކެންދޫ ކަތީބު މުހައްމަދު ސައީދު ވިދާޅުވީ، ނިމާލަކީ އެރަށު ކުޑަ ކަތީބުގެ ދަރިއެއް ކަމަށެވެ. އަދި އޭނާ އަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ އަޚްލާގު ރަގަޅު ކުއްޖެއް ކަމަށާއި މާލެ ދިއުމަށް މިއަދު ހެނދުނު ފުރީ ރިސޯޓެއްގައި ވަޒީފާ އަދާކުރަން ހުރެފައި ރަށް އެނބުރި އައިސް އުޅުމަށްފަހު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ނިމާލު ގެއްލުމުގެ ޚަބަރު ލިބުމުން އޭނާގެ މަންމަގެ ހާލު ވަރަށް ދެރަ ކަމަށް ވެސް ކަތީބު މައުލޫމާތު ދެއްވި އެވެ.