ބަނގުރާ ކައްކަމުންދިޔަ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީގެ ހިތަދޫން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 3:20 އެހާކަންހާއިރު ހިތަދޫ ކަލްޗަރަލް ސެންޓަރު ހިމެނޭ ސަރަޙައްދުގެ ވަލުތެރޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދަނިކޮށް ކަމަށެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެއްގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި 22 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހުން ހައްޔަރުކޮށް އެމީހުން ތިބި ތަން ބަަލައިފާސްކުރިކުރުމުން ބަނގުރާކެއްކުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.