ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބުގައި މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް ދެ ފަހަރެއްގެ މަތިން އެ އިންތިޚާބު ބާއްވަން އިއުލާންކޮށްފައިވެ އެވެ. ފުރަތަމަ ބާއްވަން އުޅުނު ތާރީޚުގައި އިންތިޚާބު ނުބޭއްވުނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ނެރުނު ވަގިތީ އަމުރަކާ ގުޅިގެންނެވެ. އަދި ދެ ވަނަ ފަހަރަށް އިންތިޚާބު ބާއްވަން އުޅުނު ތާރީޚުގައި އިންތިޚާބު ބޭއްވިފައި ނުވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.