ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އަތޮޅު ކައުންސިލްތައް ގުޅިގެން ބާއްވާ އަތޮޅުތަކުގެ ފުޓްބޯޅަ މުބާރާތުގެ ލ. އަތޮޅުގެ މެޗުތަށް ކުޅުމަށް ލ. ކުނަހަންދޫ ހަމަޖެއްސުމަށްފަހު، އަތޮޅު ކައުންސިލުން އެ މުބަރާތް ލ. މާބައިދޫއަށް ބަދަލުކުރުމުން އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަަށް ހުށަހަޅައިފި އެވެ.

ކުނަހަންދޫ ކައުންސިލްގެ ނާއިބު ރައީސް ލިރްޣާމް ސައީދު (ލަރޭ) ވިދާޅުވީ، އަތޮޅު މުބާރާތް ބާވާނޭ ރަށެއް ކަނޑައެޅުމަށް އަތޮޅު ކައުންސިލުން އިއުލާނު ކުރުމުން އެކަމަށް ކުރިމަތިލާފައި ވަނީ، މާބައިދުއާއި ކުނަހަންދޫއިން އެކަނި ކަމަށެވެ. އަދި ވަކި އުސޫލެއްގެ ދަށުން މާކްސް ދިނުމަށް ފަހު، މުބާރާތް ބާއްވާނީ ކުނަހަންދޫގައި ކަމަށް އަތޮޅު ކައުސިލުން ނިންމި ކަމަށެވެ.

"އަތޮޅު ކައުންސިލުން ޕޮއިންޓް ދިނުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅުއްވާފައި ފަސް ޕޮއިންޓުގެ ތަފާތުން ކުރި ލިބިގެން މުބާރާތް ބާއްވާނީ ކުނަހަންދޫގައި ކަމަށް ނިންމި. އެއީ 70 ޕޮއިންޓް 75 ޕޮއިންޓް،" ލަރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުނަހަންދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން އަތޮޅު މުބާރާތް ބޭއްވުމަށްޓަކައި ބޮޑެތި ހޭދަތަކެއްކޮށް ހުރިހާ ތައްޔާރީތަކެއް ނިމުމާ ގާތްވެފައި ވަނިކޮށް، އަތޮޅު ކައުންސިލުން އިތުރު ބައްދަލުވުމެއް ބާއްވާފައި، މުބާރާތް މާބައިދޫގައި ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"ދަނޑުގެ ވިނަގަނޑުގެ ފެންވަރަށް ބެލިޔަސް އަޅުގަނޑުމެންގެ ރަށުގެ ދަނޑު މާ ބޮޑަށް ވެސް ރަނގަޅުވާނެ. ދެން އަޅުގަނޑުމެން ވެސް ވާނީ ބޮޑު 8 މުބާރާތެއް މި ދަނޑުގައި ބާއްވާފައި. އެކްސްޕީރިއެންސަށް ދޭ ޕޮއިންޓަށް ބެލިޔަސް މާބައިދޫގައި ބާއްވާފައި ވަނީ އެފަދަ ތިން މުބާރާތެއް،" އަތޮޅު ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި، ޕޮއިންޓް ދިން ގޮތުގެ ލިޔެކިޔުމެއްވެސް ނުދީ، މުބާތްރާތް މާބައިދޫއަށް ބަދަލުކުރީ ކަމަށް ލަރޭ ވިދާޅުވި އެވެ.

ލަރޭ ވިދާޅުވީ، އަތޮޅު ކައުންސިލްގެ އެ ނިންމުމަކީ ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަމަކަށް ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅުއްވީ ކަމަށެވެ. އަދި އެމައްސަލަ ވާނީ އެފްއޭއެމަށް ވެސް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.