09 Oct 2014, 14:22
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ސްކޫލް ދަރިވަރުންތަކެއްގެ އިތުރުން ދެ މީހަކު ހައްޔަރު ކުރީ ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ އައްޑޫ ސިޓީން ހައްޔަރުކުރި ނުވަ ދަރިވަރުންނަށް ބިރުދައްކާ ހަދާފައިވާ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި އެ މީހުންގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ބަރަހާނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މައްސަލާގެ ތުހުމަތުގައި ފުލުހުން އަައްޑޫ ސިޓީން ހައްޔަރުކުރި ނުވަ ދަރިވަރުން ވަނީ އެ މީހުން ހައްޔަރުކުރި ދުވަހުގެ ރޭ ދޫކޮށްލައިފަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ އެ ކުދިން އަތުގައި ހުރި ބަރަހާނާ ވީޑިއޯތަކެއް ޑިލީޓްކުރުމަށް ބުނެ އެ ކުދިންނަށް ބިރުދައްކަމުން ގެންދާތީ އެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުން ދަށުގެ ނުވަ ދަރިވަރުންނަކީ ފޭދޫ ސްކޫލެއްގެ ސެކަންޑްރީގައި އެއް ކްލާހެއްގައި ކިޔަވަމުން އަންނަ ނުވަ ދަރިވަރުންނެވެ. އެ ކުދިން ހައްޔަރުކުރީ އެ ކުދިންގެ އަތުން ބަރަހާނާ ވީޑިއޯ ބަރަހާނާ ފޮޓޯ ފެނިގެނެވެ.