ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިގެން އެމެރިކާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ރޮއިޓާސް ބުނީ އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޑެލާސްގައި މަރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެޑްމިޓްކޮށް، ފަރުވާދެމުންއައި ލައިބީރިއާ މީހެއް ކަމަށްވާ ތޯމަސް އެރިކް ޑަންކޭން ކަމަށެވެ. އަދި އޭނާ މަރުވީ ވެންޓިލޭޓަރްގައި އޮއްވައި ކަމަށާއި ކިޑްނީ ޑައިލިސިސް ވެސް ހަދަމުން ދަނިކޮށް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ޖެންސީން ބުންޏެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް އެބޯލާގައި މީހަކު މަރުވުމުން އެގައުމުގެ ފަސް އެއާޕޯޓަކަށް އަންނަ ހުޅަނގު އެފްރިކާގެ މީހުން އެބައްޔަށް ސްކްރީން ކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޑަންކޭން މަރުވި ހާދިސާއާ ގުޅިގެން އެމެރިކާގެ ސިއްހީ ނިޒާމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން އޭނާ އަށް އެބޯލާ ޖެހިފައިވާކަން އެނގިގެން އޭނާ އެޑްމިޓްކުރުމުގެ ދެދުވަސް ކުރިން ހޮސްޕިޓަލަށް ދައްކާފައި ވުމާއި އެދުވަހު ދެއްކުމުން އެންޓިބަޔޮޓިކް ދީފައި ގެއަށް ދޫކޮށްލާފައިވާކަން މީޑިއާ އިން ވަނީ ފާހަގަކޮށްފަ އެވެ.
ޑަންކޭންއަށް އެމެރިކާ އަށް ދަތުރުކުރެވުނީ ލައިބީރިއާގެ ވެރިރަށް މޮންރޯވިއާގެ އެއާޕޯޓްގައި އޭނާ ސްކްރީން ކުރި އިރު އޭނާގެ ގައިން އެބޯލާގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ އެވެ.