ވެލާނާގޭ ގޯތީތެރޭގައި އޮތް ޕާކިން އޭރިއާގައި ހުރި ރަޖިސްޓަރީ ނަމްބަރު ނެތް ވެހިކަލްތަކާއި ހަލާކުވެފައި ހުރި ވެހިކަލްތަކުގެ އިތުރުން ޓެކްސީތައް ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ވެލާނާގެ ދެކުނުން އޮތް ހުސްބިމުގައި ހަދާފައިވާ ޕާކިން އޭރިޔާއަކީ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި އެ އޮފީސްތަކުން ހިދުމަތް ހޯދަންދާ ފަރާތްތަކުގެ ވެހިކަލްތައް ޕާކު ކުރަން ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެ ބިމުގެ އިރުން ގާ ނާތުރާ އޮތް ބަޔަކީ ވެސް އެ ޕާކީން ސްލޮޓާ އެއްގޮތަށް ބޭނުން ކުރުމަށް ކަނޑައަޅާފައި އޮތް ތަނެއް ކަމަށެވެ.

ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ރަޖިސްޓަރީ ނުކުރާ ނުވަތަ ރަޖިސްޓަރީ ނަމްބަރު ނެތް ވެހިކަލްތަކާއި ހަލާކުވެފައިވާ ވެހިކަލްތަކުގެ އިތުރުން ޓެކްސީތައް ޕާކުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމުންނާއި 24 ގަޑިއިރަށް ވުރެ ގިނަ އިރު އެއްތަނެއްގައި ވެހިކަލް ޕާކުކޮށްފައި ހުރުމުން އެ ޕާކިން ލޮޓްގެ ބޭނުން އެދެވޭ ގޮތެއްގައި ހިފުމުގެ ފުރުސަތު ނެތިގެންދާ ކަމަށެވެ.

އަދި މިއަދުން ފެށިގެން 10 ދުވަސް ތެރޭ އެ ވެހިކަލްތައް ނެގުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ. އެ މުއްދަތުގެ ތެރޭ ނުނަގާ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލާއި ޕޮލިހުން ގުޅިގެން ނަގަމުންގެންދާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.