ކައިވެނީގެ ހަފުލާގައި ދެމަފިރިން ޒުވާބުކުރަން ފެއްޓި އެވެ. އަދި އެންމެ ފަހު މެހުމާނު ނުކުތުމާ އެކު ދެ މީހުންގެ ޒުވާބު ހޫނުވެ ފިރިމީހާ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ފަހު އޭނާގެ އަމިއްލަ ގަޔަށް ބަޑިޖަހައި ދެމަފިރިން މަރުވެއްޖެ އެވެ.

އިންޑިއާނާގެ ޑޮކްޓަރު ގްރެގް (ސޮކޮޓް) ސެމްސަން އޭނާގެ އަންހެނުން ކެލީ އެސްކާ މަރާލީ ކައިވެނިކޮށް ހަފުލާ ބޭއްވިތާ މަދު ގަޑިކޮޅެެއްގެ ތެރޭގައި ކަމަށް އިންޑިއާނާގެ ނޫސް ސްޓާ އިން ބުންޏެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެސްކާ 911 އަށް އިމަޖެންސީ ކޯލެއް ކުރި އެވެ. އަދި އޭނާގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓް ކުރި އެވެ.

"އޭނާ އަނިޔާ ކުރަނީ. އަހަރެން ދޫކޮށްލާ،" އެސްކާ 911 އަށް ގުޅި ގަޑިގައި ދެއްކި ވާހަކަތަކުގައިވެ އެވެ. "ކާކު؟" ޑިސްޕެޗާ ސުވާލު ކުރި އެވެ. "އަހަރެންގެ ފިރިމީހާ" އޭނާ ޖަވާބު ދިނެވެ.

އޭނާގެ ފިރިމީހާއަކީ ކާކުތޯ ސުވާލުކުރުމުން އޭނާ އަކީ "ސްކޮޓް ސެމްސަން" ކަމާއި "އޭނާގެ އަތުގައި ބަޑިއެއް އޮތް،" ވާހަކަ ބުންޏެވެ. އަދި އެ އަށް ފަހު ފޯނު ކަނޑައިގެން ދިޔަ އެވެ.

ކައިވެނި ހަފުލާ އަށް ފަހު ސެމްސަން،54، އާއި އެސްކާ،50، ދެ މީހުންގެ ދެމެދުގައި ހިނގި ޒުވާބު ހޫނުވެ ދެ މީހުން ހަޑި ހުތުރު ގޮތަކަށް ނިމިގެން ދިޔައީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 1 ޖެހި ފަހުން ހުރިހާ މެހުމާނުން މަޖުބޫރުން ގެއިން ބޭރު ކުރުމަށް ފަހު އެވެ.

އެންމެ ފަހު މެހުމާނު ނުކުތުމަށް ދެ މީހުންގެ ޒުވާބު ހޫނުވެ، އަނބިމީހާ 911 އަށް ގުޅައި އޭނާގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓް ކުރި ކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ.

"ތަހުގީގުން އެނގެނީ ކައިވެނި ޕާޓީ ނިމެމުން ދަނިކޮށް ދެ މަފިރިންގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގިކަން،" ވިގޯ ކައުންޓީގެ ޑެޕިއުޓީ ޝެރިފް ކްލާކް ކޮޓަމް ޑެއިލީ ނިއުސް އަށް ވިދާޅުވި އެވެ.

ކޮޓަމް ވިދާޅުވީ އެސްކާ ދެ ކޯލެއް ކުރި ކަމަށާއި އެއް ކޯލުގައި ހުއްޓައި ބަޑި ޖެހި އަޑު އިވުނު ކަމަށެވެ.

ފުލުހުން ދިޔަ އިރު ފެނުނީ އެސްކާގެ ފުރާނަ ނެތް މަސްގަނޑެވެ. އަދި ބޮލަށާ އެކު އޭނާގެ ގައިގެ ވަރަށް ގިނަ ތަންތަނަށް 40 ކެލިބާގެ ސެމީ އޮޓަމެޓިކް ފިސްތޯލައަކުން ހަމަލާދީފައިވެ އެވެ. އޭނާގެ ފިރިމީހާ ވެސް ހޮސްޕިޓަށް ގެންދިޔަ އިރު އޮތީ އަމިއްލަ އަށް ހަމަލާދީގެން މަރުވެފަ އެވެ.

އެ ހާދިސާ ހިނގި އިރު އެސްކާ އަށް އެހެން ދިރިއުޅުމަކުން ލިބިފައި ހުރި 10 އަހަރުގެ ކުއްޖަކާއި ސެމްސަންގެ މައިންބަފައިން ކަމަށް ބެލެވޭ ބަޔަކު އެގޭގައި ތިބި ކަމަށް ރަސްމީ ފަރާތްކުން ބުންޏެވެ. ފުލުހުން ތަހުގީގު ކުރަނީ ކައިވެންޏަށް ފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެފަދަ ހާދިސާއެއް ހިންގަން މެދުވެރިވި ސަބަބާއި ސެމްސަން އަތުގައި ގިނަ އަދަދަކަށް ބަޑި ހުންނަން ޖެހުނީ ކީއްވެތޯ ބެލުމަށެވެ.