09 Oct 2014, 12:55
އަޟްހާ ޢީދާ ގުޅިގެން ދ. ކުޑަހުވަދޫގައި ގޮޅި އިންވެސްޓްމަންޓުން އިންތިޒާމްކޮށްގެން ބޭއްވި "ގޮޅި ޗެލެންޖު ކަޕު"ގެ ފައިނަލްގައި އެމްއެންޑީއެފް ޓީމަކާ ވާދަކޮށް 3-4 އިން އަކިރޭރޭ މޮޅުވެއްޖެ އެވެ.
'ގޮޅި ޗެލެންޖު ކަޕަކީ' ކުޑަހުވަދޫގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މުބާރާތެވެ. ބާރަ ޓީމު ވާދަކުރި މުބާރާތުގައި ޗެމްޕިއަންކަން ހޯދި އަކިރޭރޭއަކީ ކުޑަހުވަދޫ އިރުމަތީ ފަރާތަށް ނިސްބަތްވާ ޒުވާނުންގެ ޓީމެކެވެ. ކުޑަހުވަދޫގައި އުފެދުނު ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުވެފައި ވަނީ އަކިރޭރޭ ސަރަހައްދުންނެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވުނު އެމްއެންޑީއެފް ޓީމަކީ ކުޑަހުވަދޫގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒުގައި މަސައްކަތްކުރާ ސިފައިންގެ ޓީމެކެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަށް އިނާމް ހަވާލު ކުރަނީ-- ސަން ފޮޓޯ/ ނަސްރުﷲ ޝިޔާމް
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ކުރި ހޯދީ އެމްއެންޑީއެފުންނެވެ. ނަމަވެސް ފަހަތުން އަރައި ކުރި ހޯދީ އަކިރޭރޭއެވެ. އެގޮތުން ދެވަނަ ހާފުގައި އަކިރޭރޭއިން ވަނީ މޮޅު ކުޅުމެއް ދައްކައި އެމްއެންޑީއެފްގެ މައްޗައް ލީޑު ފުޅާކޮށްފައެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ރަން ބޫޓް ހަވާލު ކުރަނީ-- ސަން ފޮޓޯ/ ނަސްރުﷲ ޝިޔާމް
މުބާރާތް ކާމިޔާބު ކުރި އަކިރޭރޭ ޓީމަށް 5،000 ރުފިޔާގެ އިނާމެއް ހަވާލު ކޮށްފައިވާއިރު އެމްއެންޑީއެފް ޓީމަށް ވަނީ 3،500 ރުފިޔާގެ ފައިސާގެ އިނާމު ހަވާލު ކޮށްފަ އެވެ.