އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުތަކުގައި ފިޔަވަޅު އެޅުމަށް ލަފާދެއްވާފައިވާ ކަންތައްތަކުގެ ތަފްސީލު ހުށަހެޅުމަށް ފިނޭސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި އޮޑިޓް ރިޕޯޓުތަކުގައި މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލަފާދެއްވާފައިވާނަމަ އެކަމުގެ ތަފްސީލާއި އަދި އެކަމުގައި އިހުމާލުވެފައިވާ މީހުންގެ ތަފްސީލް އެސާކިއުލާގައިވާ ގޮތުގެމަތިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގަވާފައެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ކުރިން ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުތަކުގައިވާ އިހުމާލުވާ ފަރާތްތަކާއި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަންތައްތަކުގެ ތަފްސީލް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

މިމަހުގެ ދެވަނަ ދުވަހުގެ ފަހުން ނެރޭ އޮޑިޓް ރިޕޯޓުތަކާ ބެހޭ މައުލޫމާތު އެ ރިޕޯޓެއް ނެރޭތާ 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ފިނޭސް މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ.