އެމެރިކާގެ މިޝިގަން ކިޔާ ސްޓޭޓްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޑެޓްރޮއިޓް ގެ މީހަކު، އޭނާގެ ތިން ކޮޓަރީގެ ގެ އައިފޯނު ހަޔަކާ ބަދަލުކުރުމަށް ނިންމައިފި އެވެ.

އެގެއަކީ މީހުން ނޫޅޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާ ވެފައިވާ ގެއެކެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި އޭނާ އެ ގެ ވިއްކާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

އެގޭގެ ވެރިމީހާ މިހާރު ދިރިއުޅެމުން އަންނަނީ އޮސްޓްރޭލިޔާގަ އެވެ. އެހެންކަމުން އޭނާގެ އަމިއްލަ ގެ ވިއްކާލުމުގައި މަސައްކަތްކުރާ އޭޖެންޓް ގެ ކިބައިން އެދިފައިވަނީ އައިފޯން 6 އަކަށް ނުވަތަ 32 ޖީބީގެ އައިޕެޑަކާ އެ ގެ ބަދަލުކުރުމަށެވެ.



އޭނާގެ އޭޖެންޓްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ އިމާރާތުގައި ތިން ކޮޓަރި އާއި، އެއް ފާހަނާ، އަދި ގަރާޖެއް ވެސް ހުންނަ ކަމަށެވެ. އަދި އެތަނަކީ ވިޔަފާރީގެ މަރުކަޒު ތަކާއި ކައިރި ހިސާބެއްގައި ހުންނަ ތަނެއް ކަމުގައި ވެސް ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އެ އިމާރާތާއި އަލަށް ހަވާލުވާ ފަރާތަކުން އެތަނުގެ އާބާތުރަ ފިލުވައި މި އިމާރާތް ބޭނުންކުރަން ފަށަން ބޮޑު ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.