އިންވޮއިސްގައިވާ އަގަށް ވުރެ އިތުރަށް ކަސްޓަމުން ޑިއުޓީ ނެގި މީހަކަށް އިތުރަށް ނެގި ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގއ. ކޮލަމާފުށީ، މަރިޔަމްމާގޭ، ފުއާދު ޒާހިރު ކަސްޓަމާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އޭނާ އެތެރެ ކުރި މުދާތަކަކަށް ހުށަހަޅާފައިވާ އިންވޮއިސްގައިވާ އަގަށްވުރެ 6850ރ. ބޮޑުކޮށް ނަގާފައިވާތީ އެވެ.

ސިވިލް ކޯޓުގެ ގާޒީ އާއިޝާ ސުޖޫން މުހައްމަދު ކުރައްވާފައިވާ ހުކުމުގައި ބުނެފައި ވަނީ ކަސްޓަމަށް އާންމުކޮށް އެތެރެ ކުރާ މުދަލަކީ އާންމުކޮށް އިމްޕޯޓްކޮށްފައި ހުންނަ މުދަލަށްވުރެ ދަށް އަގެއްގައި އިމްޕޯޓްކޮށްފައި ހުންނަ މުދާކަން ނުވަތަ ނޫންކަން ކަސްޓަމުން ކަނޑައަޅަނީ ކަސްޓަމްގެ އާންމު ގަވާއިދުން ކަމަށެވެ. އެކަމަކު އެ އުސޫލުތަކަށް ބަލައި އާންމުކޮށް ރާއްޖެއަށް އިމްޕޯޓްކޮށްފައި ހުންނަ ވަރަށްވުރެ ދަށް އަގެއްގައި ހުންނަ މުދަލަށް އަގު ކަނޑައެޅުމުގައި އިގްތިސާދަށާއި ދުނިޔޭގެ ބާޒާރުގައި މުދަލަށް އަންނަ ބަދަލުތަކަށާއި އެ މުދަލެއް ހަގީގަތުގައި ވެސް ގަނެފައިވާ އަގަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން ދިވެހި ސަރުކާރަށް ލިބިދީފައިވާ ބާރު އަދުލުވެރިގޮތެއްގައި ބޭނުން ކުރުމަށްޓަކައި ދުނިޔޭގެ ބާޒާރުގައި އެކި ބާވަތުގެ އެކި ގައުމުތަކުން އުފައްދާ އެކި މަރުކާގެ އެކި ފަރާތްތަކުން އެތެރެ ކުރާ މުދަލުގެ އަގުތަކުގައި ހުންނަ ތަފާތު ބެލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ގާޒީ ވިދާޅުވީ އެތެރެކޮށްފައިވާ މުދަލަކީ އެ ދުވަސްވަރެއްގައި ރާއްޖެއަށް އިމްޕޯޓް ކުރާ އަގަކަށްވުރެ ކުޑަ އަގެއްގައި އިމްޕޯޓްކޮށްފައިވާ މުދަލެއް ކަމުގައިވީ ނަމަވެސް، އެ މުދަލުގެ އަގަކީ އޮޅުވާލައިގެން ހުށަހަޅާފައިވާ އަގެއް ކަމުގައި ނުބެލެވޭ ނަމަ ޑިއުޓީ ނެގުމުގެ ބޭނުމުގައި މުދަލުގެ އަގަށް އުނި އިތުރެއް ނުގެނެއުމަކީ މުހިންމު ކަމެއް ކަމަށެވެ. މުދަލެއް ގަތް އަގަށްވުރެ ބޮޑު އަގަކަށްބަލައި ޑިއުޓީ ނެގުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ މާލީ ގެއްލުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ހެޔޮ ނިޔަތުގައި ވިޔަފާރި ކުރާ މީހުންނަށް ގެއްލުން ވަނީ އޮޅުވާލައިގެން މުދާ އެތެރެ ކުރުން ހުއްޓުވުމަށް ސަރުކާރުން އަމަލު ކުރާ އިޖުރާއަތަކުން ނަމަ މިފަދަ ހާލަތެއްގައި ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާ ސަރުކާރަށް އަދާ ކުރެވޭ ކަމުގައި ބެލެވެން ނެތް ކަމަށާއި އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ސަރުކާރަށް ލިބިފައިވާ ބާރު އެފަދައިން ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވީ އެތެރެކޮށްފައިވާ މުދަލުގެ އަގު ދަށް ކަމަށް ބެލެވޭ ނަމަ ކަސްޓަމްސްއިން އަގު ބޮޑުކޮށް ޑިއުޓި ނަގަނީ އެއްވެސް ތަހުގީގު ކުރުމެއް ނެތި ކަމަށެވެ. އަދި ޕްރައިސް ވެލުއޭޝަން ޑޭޓާ ބޭސްގައި ހުންނަ އަގުތަކަކީ ސިއްރު އަގުތަކެއް ކަމުން އެ މައުލޫމާތު އާންމު ކުރުމަށް ހަމަޖެހިފައިނުވާ ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ފުއާދު އެތެރެ ކުރި މުދަލުގެ ޕެކިން ލިސްޓާއި އިންވޮއިސް އާއި ބިލް އޮފް ލޭޑިން އާއި ލެޓާ އޮފް ކްރެޑިޓްގެ ކޮޕީ އާއި އިންޝުއާ ކުރި ލިޔުންތަކުގައިވާ އަގާއި އޭނާ ކަސްޓަމަށް ހުށަހެޅި އަގާ ތަފާތެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި ކަސްޓަމުން ފުއާދުގެ އަތުން އިތުރަށް ފައިސާ ނަގާފައިވަނީ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ހައްގުތަކަށް އުނިކަމެއް އަންނަ ފަދައިން ކަމަށެވެ. އެހެންކަމުން ފުއާދުގެ އަތުން ކަސްޓަމުން އިތުރަށް ނެގި ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ގާޒީ އަމުރުކުރެއްވި އެވެ.