09 Oct 2014, 12:45
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ދެމުންދާ ބައެއް ހިދުމަތްތައް އޮންލައިން މެދުވެރިކޮށް ހޯދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ޕޯޓްސް ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އޮޕަރޭޝަން ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ހާޝިމް ވިދާޅުވީ އޮންލައިންކޮށް މުދާ ކުލިއާކުރުމަށް މިހާރު އެދެވޭނެ ކަމަށެވެ.
"މުދަލުގެ ވެރިފަރާތަށް އެ ބޭފުޅުން ގެންނަ މުދާ އޮންލައިންކޮށް ރިކްއެސްޓްކުރެވޭނެ. އަޅުގަނޑުމެންގެ ވެބްސައިޓަށް ވަދެ ފޯމެއް އެކަމާ ގުޅޭ ފޯމެއް ޑައުންލޯޑް ކުރައްވައި ރަޖިސްޓްރީ ކުރެއްވުމުން ކުލިއަރެންސް ޑިޕާޓްމަންޓުން އެ ބޭފުންނަށް ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ލިބިގެންދާނެ. އެ ނިޒާމް ތައާރަފްވެގެން މިދިޔައީ،" ހާޝިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮންލައިން މެދުވެރިކޮށް ހިދުމަތްދޭން ފެށުމުން ކިޔުގައި ގިނަ އިރު ތިބެން ޖެހުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮންލައިން މެދުވެރިކޮށް ހިދުމަތްދޭން ފެށުމަށް ޓަކައި މުވައްޒަފުނަށާއި އަދި މުދާ އެތެރެކުރާ ބައެއް ފަރާތްތަކަށް ވެސް ތަމްރީންތައް ދީފައިވާ ކަމަށެވެ.
ހާޝިމް ވިދާޅުވީ އޮންލައިން މެދުވެރިކޮށް ހިދުމަތް ހޯދުމަށް ތައާރަފް ކުރެވިގެން ދަނީ ޒަމާނީ ފެންވަރުގައި ޕޯޓްސް އިން ހިދުމަތްތައް ދޭން ފެށުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.