ކޮލެޖެއްގެ ގޮތުގައި މިހާރު ކިޔަވައިދެމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާމީ ޔުނިވާސިޓީއަކަަށް ހެދުމުގެ ބަދަލުގައި، ގާނޫނެއްގެ ތެރެއިން އެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ، އެގޮތަށް ސަރުކާރުން ނިންމެވީ އެފަދަ މުހިއްމު މުއައްސަސާއެއް އުފެދިގެންދާ އިރު، ގާނޫނީ ބާރުވެރިކަމެއް އޮންނަން ޖެހޭތީ އާއި ގާނޫނީ ތަރަހައެއްގެ ތެރެއިން އެކަން ކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު އެފަދަ ގާނޫނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ފެށިގެން ގިނަ ވަގުތުތަކެއް ނުވެ އެ ބިލް މަޖިލީހަށް ހުށަހަޅާނެ. އެއަށް ފަހު އެ ބިލް ގާނޫނަކަށްވެ، ރައީސް ތަސްދީގު ކުރެއްވުމަށް ފަހު ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ،" ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވި އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އާއި ރައީސް އޮފީސް ތަމްސީލުކުރާ ގޮތަށް މަތީ ފެންވަރުގެ ހާއްސަ ކޮމެޓީއެއް ރައީސް ޔާމީން އުފެއްދެވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެގޮތުން، އެ ކޮމެޓީން ވަނީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަން ޖެހޭ ލިޔުންތައް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގެ އެހީތެރިކަމާ އެކު އެކުލަވާލައި މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ވަނީ ރައީސް ޔާމީނަށް ފޮނުއްވާފަ އެވެ.