09 Oct 2014, 11:53
ޒަމާނީ ވަސީލަތްތަކާ އެކު ހައްޖާޖީންނަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުން ގެއްޅުއްވާ ކަމަށް ސައުދިއަރަބިއާގެ ހައްޖު މިނިސްޓަރު ބަނދަރުބިން ހަޖާރު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލު ކުރައްވައި ހަޖާރު ދެއްކެވި ވާހަކަފުޅުގައި ޒަމާނީ ވަސީލަތްތަކާ އެކު ހައްޖާޖީންނަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހައްޖާޖީންގެ ކަންތައްތައް ވަރަށް ފުރިމަކޮށް ބެލެހެއްޓި ކަމަށްޓަކައި އެކަން ފާހަގަކޮށް ހަޖާރު ވަނީ ރާއްޖޭގެ ހައްޖު މިޝަންގެ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މިހާރުން ފެށިގެން އަންނަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ތައްޔާރީތައްވުމަށް އޭނާ ވަނީ އިސްލާމިކް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.
ހައްޖު މިޝަންތަކަށް ބޭއްވި ބައްދަލުވުމަކަށްފަހު ޖިއްދާގެ ހޮޓަލެއްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ ހައްޖަށް މީހުން ގެންދިޔުމުގެ ކަންތަކުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެއްވާބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ.
އެހެން އަހަރުތަކާ އަޅާބަލާއިރު ޚާއްސަކޮށް މިއަހަރު މީހުން ހައްޖަށް ގެންޔުމުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ސައުދީގެ ކަމާ ބެހޭ ފަރާތްތަކަށާއި އެގައުމުގެ ސިފައިންނާ ފުލުހުންނަށް ވެސް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓަރު ވަނީ އުރުދުންގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. ހާއިލް އަބްދުލްހަފީޒްއާ ވެސް ބައްދަލުކުރައްވާފައެވެ.
ޑރ. ހާއިލް އަބްދުލްހަފީޒްއާ ބައްދަލުކުރެއްވުމުގައި އިސްލާމީ މެދުމިނުގެ ވިސްނުން ފެތުރުމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.