ބަށި މުބާރާތެއް އައްޑޫގައި ބާއްވައިފި ނަމަ ހަމަނުޖެހުން އުފެއްދުމުގެ ތާރީހެއް އޮތް، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ބައިވެރިވެގެން، 22 އަހަރަށް ފަހު ބަށި މުބާރާތެއް ފުރިހަމަކޮށްފި އެވެ.

އަޟްހާ އީދާ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވި ބަށި މުބާރާތުގެ ތެރެއިން--- ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ ރައީސާ ފާތުމަތު ހަނީފާ "ސަން" އަށް މިއަދު ވިދާޅުވީ، އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށްޓަކައި އެ ސިޓީގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބަށި މުބާރާތްތައް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް މުބާރާތުގެ ކޮންމެވެސް ހިސާބަކުން ހަމަނުޖެހުން އުފެދި، ބަށި މުބާރާތެއް އެއްކޮށް ފުރިހަމަ ކުރެވިފައި ނުވާތާ ޒަމާންތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވަކިވަކި އަވަށްތަކުގެ މެދުގައި ބަށި މެޗުތައް ކުރިއަށް ގޮސްފައިވޭ. ނަމަވެސް އައްޑޫގެ ހަ ރަށް އެއްކޮށް ބަށި މުބާރާތެއް ބާއްވައި ފުރިހަމަ ނުކުރެވޭތާ ޒަމާންތަކެއް ވެއްޖެ،" އައްޑޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވިދާޅުވި އެވެ.
އަޟްހާ އީދާ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވި ބަށި މުބާރާތުގެ ތެރެއިން--- ފޮޓޯ: ކިޔުންތެރިއެއް

އަޟްހާ އީދާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އައްޑޫ ސިޓީގެ މައި ފުޓްބޯޅަ ދަނޑުގައި ބޭއްވި އެ ބަށި މުބާރާތުގައި އައްޑޫ ސިޓީގެ ހަ އަވަށުން ނުވަ ޓީމު ބައިވެރިވި އެވެ. ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން އެ މުބާރާތް ބެލުމަށްޓަކައި ދަނޑަށް ޖަމާވި އިރު، އެ މުބާރާތަކީ ފަހުގެ ތާރީހެއްގައި އައްޑު އަށާއި އެ ސިޓީގެ ރައްޔިތުންނަށް ލިބުނު އުފަލެކެވެ.

"ކޯޗުންނަށް ތިބީ އެހެން ޕާޓީއެއްގެ މީހުން. ހިންގަން ތިބީ އެހެން ޕާޓީއެއްގެ ބައެއް. ކުޅެންތިބީ އެކި ޕާޓީގެ މީހުން. ފަރިތަކުރުންތަކުގައި ވެސް އެ އޮތް ގާތްކަން ފެނިފަ ވަރަށް އުފާވި،" ރައީސާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އައްޑޫ އަންހެނުންގެ ބަށި މުބާރާތުގެ ޗެންޕިއަންކަން ހޯދީ މަރަދޫ ފިނިފެންމާ ޓީމާ ވާދަކޮށް މީދޫ ދޮންދީނި ޓީމެވެ.