ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ލިޔުންތެރީންގެ ފޮތް މައުރަޒު މިއަހަރު ވެސް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ބުނެފި އެވެ.

އެ އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައުރަޒު މި އަހަރު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރުމަހުގެ 16 އިން 20 އަށް ނޭޝަނަލް އާޓުގެލެރީގައި ކަމަށެވެ. އެގޮތުން އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ލިޔުންތެރިންނާއި ފޮތް ވިއްކާ ފިހާރަތަކަށާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ފޮތް އުފައްދައި ޝާއިއުކުރާ ފަރާތްތަކުގެ އިތުރުން ކުތުބުހާނާ ފަދަ ތަންތަނަށް ހުޅުވާލާފައިވާ ކަމަށް އެ އެކަޑަމީން ބުނެ އެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނީ ފޮތް މައުރަޒު ބޭއްވުމުގެ މަގުސަދަކީ ލިޔުންތެރިން އެއްތަނަކުން ބައްދަލުވެ އެ މީހުންގެ ފޮތްތައް ދައްކާލުމުގެ ފުރުސަތު ލިޔުންތެރިންނަށް ހޯދައިދިނުމާއި ދިވެހިބަހުން ޝާއިއުކޮށްފައިވާ ގިނަ އަދަދެއްގެ ފޮތް އާންމުކޮށް ވިއްކާ އަގައް ވުރެ ހެޔޮ އަގެއްގައި އެއްތަނަކުން މީހުންނަށް ގަންނަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެ މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މި އޮކްޓޯބަރުމަހުގެ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ އެކަޑަމީ އަށް ހުށައަޅަން ޖެހެ އެވެ. ފޯމް ލިބެން ހުންނާނީ އެކަޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ބުންޏެވެ.