އިނގިރޭސިވިލާތުގެ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ އޯޕަންގެ ތިންވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ދުނިޔޭގެ ނުވަ ވަނައަށް ރޭންކް ކުރެވިފައިވާ މަރޭ ތިންވަނަ ބުރުން ޖާގަ ހޯދީ އިއްޔެ ޕޮލަންޑްގެ ޖާޒީ ޖަނޮވިޗްގެ މައްޗަށް 7-5 އަދި 6-2 ން ކުރިހޯދައިގެންނެވެ.

ޝަންހާއީ އޯޕަންގެ ތިންވަނަ ބުރުގައި ސްޕެއިންގެ ޑޭވިޑް ފެރާ އާ ކުޅޭއިރު އެ މެޗުން މަރޭއަށް ކުރި ލިބިއްޖިއްޔާ ނޮވެމްބަރު މަހު އޮންނަ އޭޓީޕީ ބާކްލޭސް ވޯލްޑް ޓުއާ ފައިނަލްސް އިން ޖާގައެއް ހޯދުމަށްޓަކައި މަރޭއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އިއްޔެ ކުޅުނު މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު ދެވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފޭލް ނަޑާލް ވަނީ ހަމަ އެ ގައުމުގެ ފެލިކާނޯ ލޮޕެޒް އާ ކުޅެ ދެސެޓުން ބަލިވެފައެވެ. ނަޑާލް ބަލިވީ 6-3 އަދި 7-6 ންނެވެ.

ނަޑާލް ގެ މިބައްޔާއެކު އޭނާ ވަނީ އޭޓީޕީ މެންސް ސިންގްލްސް ރޭންކިންގް ގެ ތިންވަނައަށް ވެއްޓިފައެވެ. މިހާރު ދެވަނައިގައި ވަނީ އިއްޔެ ފަސް މެޗް ޕޮއިންޓް ސަލާމަތްކޮށް ޝަންހާއީ އޯޕަންގެ ތިންވަނަ ބުރުން ޖާގަ ހޯދި ރޮޖާ ފެޑެރާ އެވެ.

ނަޑާލްގެ އިތުރުން ސްވިޒަލޭންޑްގެ ސްޓާންސިލާސް ވައުރިންކާ އާއި އަރަމުން އަންނަ ޒުވާން ތަރި ޖަޕާނުގެ ކެއި ނިޝިކޯރީ އަދި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ވެސް ވަނީ އިއްޔެ މުބާރާތަށް އަލްވަދާޢު ކިޔާފައެވެ.

ޗައިނާގެ ޝަންހާއީ ސިޓީގައި ކުޅޭ މި މުބާރާތަކީ އޭޓީޕީގެ 1000 ރޭންކް ގައި ހިމަނައިގެން ކުޅޭ މުބާރާތެކެވެ.