09 Oct 2014, 10:43
ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރުމުގެ ސަބަބުން މާލީ ގޮތުން ލިބޭ ގެއްލުން، އަންނަ އަހަރުގެ ނިމޭ ހިސާބުގައި 32.6 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އިއްޔެ ބުނި ކަމަށް ބިޒްނަސް ޑެއިލީ ނޫހުން މިއަދު ބުނީ އެބޯލާ މިހާރު އެންމެ ބާރަށް ފެތުރެމުންދާ ލައިބީރިއާއާއި ގިނީއާއި ސިއެރަލިއޯންގެ އިތުރުން އުތުރު އެފްރިކާގެ އެހެން ގައުމުތަކަށް އެބަލި ފެތުރޭ ނަމަ ހުޅަނގު އެފްރިކާ އަށް މާލީ ގޮތުން ލިބޭ ގެއްލުން 32.6 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. ވޯލްޑް ބޭންކުން އަދި ބުނެފައި ވަނީ ބަލި ފެތުރޭ ގައުމުތަކާއި މުޅި ދުނިޔެ އަށް ވެސް އެބޯލާގެ ސަބަބުން ލިބޭ އިގުތިސާދީ ގެއްލުމަކީ ސިއްހީ ދާއިރާގައި އިންވެސްޓްކޮށްފި ނަމަ އެކަމުން ސަލާމަތް ވެވޭނެ ކަމެއް ކަމަށެވެ.
އެބޯލާ ފެތުރޭތީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް 35 ގައުމެއް ގުޅިގެން 690 މިލިޔަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ވައުދުވެފަ އެވެ. އަދި އޭގެ އިތުރުން ވޯލްޑް ބޭންކުން ވެސް އެކަމަށް 400 މިލިޔަން ޑޮލަރު ހަރަދުކޮށްދޭނެ ކަމަށް އެ ބޭންކުގެ ރައީސް ޖިމް ޔޮން ކިމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއަދަދަށް ވުރެ އިތުރަށް އެކަމަށް އެއް ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް ޔުނައިޓެޑްނޭޝަންސް (ޔޫއެން) އިން ވަނީ ބުނެފަ އެވެ.
އެބޯލާ ވައިރަހުގެ ސަބުން ލައިބީރިއާއާއި ގިނީއާއި ސިއެރަލިއޯންއިން މިހާތަނަށް 3400 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.