09 Oct 2014, 10:36
ބަގީޗާއެއްގައި މަސައްކަތް ކުރަން ތިބި ބައެއްގެ ގަޔަށް މިލިއަނެއްހާ ކުޅަނދުރު ހަމަލާދީ އެތަނުން އެކެއްގެ މޫނާއި ކަރުގައި ހެފުމުން ހާޓް އެޓޭކެއް ޖެހިގެން އެ މީހާ މަރުވެއްޖެ އެވެ.
އެމެރިކާގެ ޑެއިލީ ނިއުސް އިން އިއްޔެ ބުނީ އެ ގައުމުގެ އެރިޒޯނާ ސިޓީގައި އިއްޔެ ހިނގި އެ ހާދިސާގައި އެކަކު މަރުވެ އިތުރު މީހަކަށް އަނިޔާވީ 800،000 ކުޅަދުރުގެ ބޮޑު އައިނެއް އައިސް ވިނަގަނޑުގެ މަސައްކަތް ކުރަން ތިބި މީހުންނަށް ހަމަލާ ދިނުމުން ކަމަށެވެ.
ރަސްމީ ފަރާތްތަކުން ބުނީ 32 އަހަރުގެ ފިރިހެނަކު މަރުވީ އޭނާގެ މޫނާއި ކަރުގައި ކުޅަދުރު ހަފައިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
އިތުރަށް އަނިޔާވި މީހާގެ ގައިގައި ވެސް 100 އަށް ވުރެ ގިނަ ފަހަރު ކުޅަނދުރު ހަފާފައިވާ ކަމަށާއި ނަމަވެސް ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެ ވަގުތު 90 އަހަރުގެ މީހަކު އެތަނުގައި ހުރި ގޭގައި ހުރި ކަމަށާއި ނަމަވެސް އޭނާގެ ގައިގައި ކުޅަނދުރު ނުހަފާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.