09 Oct 2014, 09:32
ވޮޝިންޓަން (އޮކްޓޯބަރ 9) : ސޫރިޔާގެ ކުރުދިސްތާން ސަރަހައްދުގެ މުހިއްމު އަދި ސްޓްރެޓީޖިކް ސިޓީއެއް ކަމަށްވާ ޢައިނުލްއަރަބް (ކޫބާނީ) އައިއެސް ޖަމާއަތުގެ އަތްދަށަށް ހިނގައިދާނެ ކަމާއި މިކަމުގެ ނުރައްކާ ތުރުކީ އަށް ބޮޑުވާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން އެޑްމިރަލް ޖޯން ކާބީ ވިދާޅުވީ ކޫބާނީ އަދި ވެސް އޮތީ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ނަމަވެސް އެރަށް ހިފަން މަސައްކަތްކުރާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކުރިއެރުން ނުހުއްޓުވޭތީ އެޖަމާއަތުގެ އަތްދަށަށް އެރަށް ދިޔުމުގެ ބިރު އެބައޮތް ކަމުގަ އެވެ. ކޫބާނީ އައިއެސްގެ ދަށަށް ހިނގައްޖެ ނަމަ މިކަމުގެ ނުރައްކާ ތުރުކީއަށް ބޮޑުވާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމުތަކުން ގެންދަނީ ކޫބާނީގެ ކައިރީގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ވައިގެ މަގުން ޙަމަލާތައް ދެމުންނެވެ. މިހަމަލާތަކުން އައިއެސްގެ ހަނގުރާމަވެރިންގެ ކުރިއެރުން ނުހުއްޓުވޭ ކަަމަށް ބުނާތީ ބައެއްފަރާތްތަކުން ވަނީ އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ކުޅެމުން ދަނީ ޑަބަލް ރޯލެއް ކަމާާމެދު ޝައްކުކުރަން ފަށާފަ އެވެ.
އައިއެސްފަދަ ވައިގެ އެއްވެސް ހިމާޔަތެއްނެތް ޖަމާއަތެއް އެމެރިކާއާއި ނޭޓޯގެ ބާރުގަދަ އެހެން ގައުމުތަކާއި އަދި ބައެއް އަރަބި ގައުމުތައް ވެސް ގުޅިގެން ދެމުން ގެންދާ ވައިގެ ޙަމަލާތަކުން އައިއެސް އަށް އަސަރު ނުކުރާކަމަށް ބުނާތީ ތުރުކީގެ މަސްއޫލުވެރިއަކު ވެސް ވަނީ އެކަމާމެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މުހައްލިލުން ބުނާ ގޮތުން އެމެރިކާގެ ބޭނުމަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށާއި އައިއެސްއާ އިދިކޮޅު ނަމުގައި މުސްލިމުންނާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ މުޑުދާރު ޖަރީމާތަކުގައި ތުރުކީ ޝާމިލް ކުރުމަށެވެ. މިގޮތުން ކޫބާނީ ސިޓީ އައިއެސްގެ އަތްދަށަށް ދިޔުން މަނާކުރުމަށް ޓަކައި އެމެރިކާ ބޭނުން ވަނީ ތުރުކީގެ ބާރުތައް އައިއެސް އާ ދެކޮޅަށް ނެރުމަށެވެ. ނަމަވެސް އެމެރިކާގެ މުޑުދާރު އަމަލުތަކާއި ރޭވުންތަކުގެ ހަގީގަތް ތުރުކީގެ ވެރިންނަށް އެނގޭތީ ތުރުކީ މިހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް މުޙައްލިލުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއާއި ތުރުކީގެ އިދިކޮޅު ފަރާތްތަކުން ގެންދަނީކޫބާނީ ސިޓީ އައިއެސްގެ އަތްދަށަށް ދިޔުން މަނާކުރުމަށް ޓަކައި ތުރުކީގެ ސިފައިންގެ ލަޝްކަރުތައް އައިއެސް އާ ދެކޮޅަށް ނެރުމަށްއެދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. ކޫބާނީ އައިއެސްގެ ދަަށަށް ހިނގައްޖެ ނަމަ އައިއެސްގެ ނުރައްކާ ތުރުކީ އަށް ބޮޑުވާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުންބުނެ އެވެ. (ނޫސްއެޖެންސީ)