23 Jan 2011, 12:40
އައްޑު އަތޮޅުގައި ސިޓީ ކައުންސިލްގެ އިންތިހާބު ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ތިއްބެވި ހުރިހާ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އުފެއްދުމަށް އިލެކްޝަންސް އިން އިންތިހާބު ބާއްވާ ގޮތަށް ނިންމާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ސިވިލް ކޯޓުން އިންތިހާބު ނުބޭއްވޭ ގޮތަށް ނެރުނު އަމުރު އިސްތިއުނާފް ނުކޮށް އިންތިހާބު ބާއްވައިފި ނަމަ މުޅި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
~
"އައްޑޫގެ މައްސަލައިގައި ކޯޓުން އެ އޮތީ ވަކި ގޮތަކަށް ނިންމައިފައި. އެ ނިންމުން އިސްތިއުނާފް ނުކޮށް އިންތިހާބެއް ނުބޭއްވޭނެ އެގޮތަކަށެއް. އިލެކްޝަންސް ކޮމިޝަނުގައ ތިއްބަވާ ފަސް ބޭފުޅުންނާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އަންނަ ދައުރު ފެށޭއިރު ހުށަހަޅާނަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނަމުގައި ނެރުނު ސިޓީގެ ޝަރުތުތަކަކީ ސައްހަ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމުގެ މައްޗަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް އިލެކްޝަނުން ކުރާ ކަމެއް ކަމަށް ވެސް ރިޔާޒް ތުހުމަތުކުރެއްވި އެވެ.
"އޮޑިޓާ ޖެނެރަލްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ގޮތަށް، އިލެކްޝަންސްގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނެގެން ޖެހޭނެ. މިއީ އޮޑިޓާ ޖެނެރަލްގެ މައްސަލައަށް ވުރެ ވެސް ބޮޑު މައްސަލައެއް. އޮޑިޓާ ޖެނެރަލްގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރެވުނީ. އެކަމަކު ސާފުކޮށް ފާޅުކޮށް އެނގެން މިއޮތީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް ކަންތައް ކުރާކަން،" ރިޔާޒް ވިދާޅުވި އެވެ. "އެކަމަކު އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އަޅުގަނޑު ހުށަހެޅިއަސް މުޅި މަޖިލީހުން ނިންމަން ޖެހޭނީ ވަކި ގޮތެއް."
އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަހެއް ހޯދުމަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވަތީ ފުއާދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި އިލެކްޝަންސްގެ ނައިބު ރައީސް އަހްމަދު ފަޔާޒް ހުސެން އަށް ގުޅަލުމުން ވިދާޅުވީ، "އަޅުގަނޑުމެންގެ ކޮމެންޓެއް ނެތް" ކަމަށާއި "އެބޭފުޅުން ބޭނުންވާ ކަމެއް ކުރައްވާނެ،" ކަމަށެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި، އައްޑޫ ސިޓީ ހެދުމަކީ ބާތިލު ނިންމުމެއް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ ޖެނުއަރީ 9، 2011 ގަ އެވެ.
ނަމަވެސް، ޖެހިގެން އައި ދުވަހު ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެން ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ނަމުގައި ސިޓީގެ ޝަރުތުތައް ކަނޑައަޅައި އިއުލާނެއް ނެރުމާ ގުޅިގެން އިލެކްޝަންސް އިން ވަނީ އައްޑޫގައި އިންތިހާބު ބާއްވާ ގޮތަށް ނިންމައިފަ އެވެ.