ތިއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ނޮވެލްޓީ ބުކްފެއާރ 2010 އެއް ހުޅުވައިފި އެވެ.


ނޮވެލްޓީ ބުކްޝޮޕްގެ ޖެނެރަލް މެނޭޖަރ އަހުމަދު ނަޝީދު މިއަދު ވިދާޅުވީ އިއްޔެ ހަވީރު ދަރުބާރުގޭގައި ހުޅުވި ނޮވެލްޓީ ބުކްފެއަރ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.


ދިހަ ދުވަހަގެ މުއްދަތަކަށް ކުރިއަށްދާ އެބުކް ފެއާގެ ބޭނުމަކީ ބުކްޝޮޕުން ފޮތް ލިބޭ ވަރަށްވުރެ އަގުހެޔޮކޮށް ފެއާގައި ފޮތް ލިބެން ހުރުމުން އެފުރުސަތު ގިނަ ބަޔަކަށް ދިނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


2005 ން ފެށިގެން މެދު ނުކެނޑި ކުރިއަށް ގެންދާ މި ބުކް ފެއާގައި މިފަހަރު 70 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.


މިފަހަރުވެސް ބުކް ފެއާ އިން ކުރާ ކޮންމެ ދިހަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.