09 Oct 2014, 09:03
ބާންގީ (އޮކްޓޯބަރ 9) : ނަސާރާ ދީނުގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަަމަށްވާ އެންޓި "ބަލަކާ" އިން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމް ޒުވާނަކު ދިރިހުއްޓައި އަލިފާނުން އަންދާލައިގެން މަރާލުމާ ގުޅިގެން އެގައުމުގެ ވެރިރަށް ބާންގީގައި ހަމަނުޖެހުންތަކެއް އުފެދިއްޖެ އެވެ.
މި ހަމަނުޖެހުންތަކުގައި މުސްލިމުންނާއި ހައްދުފަހަނަޅާފައިވާ ނަސާރާއިން ގެންދަނީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއް ބައެއްގެ ގެދޮރާއި ވެހިކަލްތަކާއި ހަރުމުދަލުގައި ހުޅުޖަހަމުން ކަމަށް މަންޒަރު ދުށް މީހުންނާ ޙަވާލާދީ ތުރުކީގެ އަނަތޯލިޔާ ނޫސްއެޖެންސީ ބުނެ އެވެ. އިއްޔެ އުފެދުނު މި ހަމަނުޖެހުންތަކުގައި މިހާތަނަށް ނަސާރާއިންގެ އެކަކު މަރުވެ ދެ ފަރާތުން ވެސް އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނަތޯލިޔާ ނޫސްއެޖެންސީ ބުނާ ގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމް ޒުވާނަކު ދިރިހުއްޓައި އަލިފާނުން އަންދާލައިގެން މަރާލާފައި ވަނީ ބާންގީގައި ނަސާރާއިންގެ އަޣްލަބިއްޔަތު އޮންނަ އަވަށެއް ކަމަށްވާ "ގޮބޮންގޯ"ގަ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރެޑް ކްރެސެންޓް ޖަމާއަތުންވަނީ ދިރިހުއްޓައި އަލިފާނުން އަންދާލައިގެން މަރާލި މުސްލިމް ޒުވާނާގެ އަދައި ކަޅުވެފައިވާހަށިގަނޑު ބާންގީގެ މިސްކިތެއް ކަމަށްވާ އަލީ ބަބުލޫ މިސްކިތަށް ގެންގޮސްފަ އެވެ.
އަލީ ބަބުލޫ މިސްކިތަކީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ވެރިރަށް ބާންގީގެ މުސްލިމް އަވަށްތަކުގެ ތެރެއިން މުސްލިމުންގެ އަޣްލަބިއްޔަތު މިހާރު އޮންނަ ހަނައެކަނި އަވަށެވެ. މީގެ ކުރިން ބާންގީގެ 6 އަވަށެއްގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮތެވެ. ނަމަވެސް ނަސާރާ އިންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަަމަށްވާ އެންޓި "ބަލަކާ" އިން މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން މުސްލިމުންގެ އެތައްބަޔަކު މަރުވެ ގިނަ މީހުން އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖްރަ ކުރުމުގެ ސަބަބުން އެއަވަށްތަކުން މުސްލިމުންގެ އަޣްލަބިއްޔަތު ވަނީ ގެއްލިގެން ގޮސްފަ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި މުސްލިމުންގެ ނަސްލު ނައްތާލުމަށް ޓަކައި ނަސާރާ އިން އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދާތާ ތިން އަހަރު ވެފައިވާއިރު މިޖަރީމާތަކުގެ ޝިކާރައަކަށް (މަރާލައި ގެދޮރުން ބޭރުކޮށްލާފައިވާ) ވެފައިވާ މުސްލިމުންގެ އަދަދު ލައްކައަކަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިޖަރީމާތައް ހުއްޓުވުމަށް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)