09 Oct 2014, 00:44
އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ހަނގުރާމަވެރިން އަނެއްކާވެސް އިރާގުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވައްޓާލައިފި އެވެ. މިއީ ހަފްތާއެއްގެ ތެރޭގައި ހަނގުރާމަވެރިން އިރާގުގައި ވައްޓައިލި ދެވަނަ ހެލިކޮޕްޓަރެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ބުނެފައި ވަނީ، އިރާގުގެ ވެރިރަށް ބަޣްދާދުގެ އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަށް ތެޔޮނަގާ އަވަށެއް ކަމަށްވާ ބައިޖީގައި ބުދަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ވައްޓާލާފައި ވަނީ، އެ ގައުމުގެ އަސްކަރިއްޔާގެ ބެލް407 ގެ ހެލިކޮޕްޓަރެއް ކަމަށެވެ. އަދި ކޮނޑުމަތީގައި ބަހައްޓައިގެން ބޭނުންކުރާ މިސައިލުން ހަނގުރާމަވެރިން ދިން ހަމަލާގައި ވައްޓާލި ހެލިކޮޕްޓަރުގައި ތިބި ދެ ޕައިލޮޓުން މަރުވެފައިވާ ކަމަށެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެމެރިކާއިން އިސްނަގައިގެން އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ފަށާފައިވާ މި ދަނޑިވަޅުގައި، ހަނގުރާމަވެރިން ވައިގެ ތެރެއަށް ހަމަލާދީގެން އުޅަނދުތައް ވައްޓައި ހެދުމަކީ އެމެރިކާއާއި އަދި ގުޅިފައިވާ ގައުމުތަކުން ކަންބޮޑުވާން ޖެހޭފަދަ ކަމެކެވެ.
އޭޕީން ބުނީ، ހަނގުރާމަވެރިންގެ އެ ހަމަލާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި ކޯ-ޕައިލެޓް މަރުވެފައިވާކަން އިރާގުގެ އަސްކަރިއްޔާއިންނާއި އަދި ޑިފެންސް މިނިސްޓްރީން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މިއީ ބައިޖީގައި ހަފްތާއެއްގެ ތެރޭގައި ހަނގުރާމަވެރިން ވައްޓާލި ދެވަނަ ހެލިކޮޕްޓަރެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދިން އެފަދަ މިސައިލް ހަމަލާއެއްގައި އެމްއައި-35ގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާއިރު، އޭގައި ދުއްވަން އިން ޕައިލެޓާއި ކޯ-ޕައިލެޓްވެސް އެ ހާދިސާގައި ވަނީ މަރުވެފައެވެ.
ހެލިކޮޕްޓަރު ވައްޓައިލުމުގެ މި ދެ ހާދިސާއިން ވެސް އައިއެސްގެ ގާބިލްކަން ހުރި މިންވަރު ހާމަވެގެން ގޮސްފައިވާއިރު، މިއީ އިރާގާއި ސީރިއާގައި އެމެރިކާއާ ގުޅިގެން، ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާދޭ ފަރާތްތަކަށް ނުރައްކާ އިތުރުވެގެން ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހަނގުރާމަވެރިން އިރާގު އަސްކަރިއްޔާގެ މަރުކަޒެއް އަތުލައިގެންފައިވާއިރު އެތަނުގައި ޒަމާނީ ހަތިޔާރުތައް ހުރުން އެކަށީގެންވާތީ އެކަމުގެ ބިރު އޮތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ހޫނު މޫސުމުގައި ގަލްފު ސަރަހައްދަށް ދަތުރުކުރާ ޔޫރަޕްގެ އެއާލައިންތަކުން އިރާގުގެ ވައިގެ ސަރަހައްދަށް ނާރައިވޭތޯ މަސައްކަތް ކޮށްފައިވާއިރު އޭގެ ތެރޭގައި، ބޮޑެތި އެއާލައިންތައް ކަމަށްވާ، ވަރޖިން އެޓްލާންޓިކް، ކޭއެލްއެމް، އެއާ ފްރާންސް، އެމެރިކާގެ ޑެލްޓާ އެއާލައިންސް އަދި ދުބާއީގެ އެމިރޭޓްސް ހިމެނެއެވެ.