މިއަހަރު ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގާ ރޭޓް ބަދަލުވާނެކަން އަންގައި ރޭޓަށް އަންނަ ބަދަލުތަކުގެ ތަފްސީލާއެކު ގަވާއިދު ގެޒެޓްކޮށްފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި އެ ގަވާއިދުގައިވާ ގޮތުން ޓެކުހުގެ އަގަށް ބަދަލު އައުމާ އެކު ޓެކްސް ދެއްކުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކަށް ވެސް ބަދަލު އަންނާނެ އެވެ.

މީރާ އިން ބުނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސް ނެގުމުގެ ރޭޓު ބަދަލުވުމުން ޖީއެސްޓީ ލާޒިމުވާ ވަގުތައް ބަދަލު އަންނާނެ އެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހިދުމަތް ލިބިގަނެފައިވާ ނަމަ އެ ޚިދުމަތުގެ ޓެކްސް އިންވޮއިސް ތައްޔާރުކުރަނީ ނޮވެމްބަރު މަހުގައި ކަމަށް ވުމުން، އޮކްޓޯބަރު މަހުގައި ފޯރުކޮށްދިން ޚިދުމަތަށް ވެސް ޖީއެސްޓީ ނަގާނީ 12 ޕަސެންޓުގެ ރޭޓުން ކަމަށް މީރާ އިން ބުންޏެވެ.

އޭގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ ނޮވެމްބަރު އެއްވަނަ ދުވަހުގެ 00:00 ކުރިން ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ޖެހެނީ އަށް އިންސައްތަ އެވެ. ނަމަވެސް އެދުވަހުގެ 00:00 ގެ ފަހުން ނަމަ ޖީއެސްޓީ ނަގަން ޖެހެނީ 12 އިންސައްތަ އެވެ.

ޓޫރިޒަމް ދާއިރާއިން ޖީއެސްޓީ ނަގާ އަގަށް ގެނައި ބަދަލާ އެކު މިއަހަރުގެ ހަތަރު ވަނަ ކުއާޓަރަށް ޖީއެސްޓީ ބަޔާން ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ ތިންމަހުން އެއްމަހު ޖީއެސްޓީ ބަޔާން ހުށައަޅާ ފަރާތްތަކުން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ގެ ކުރިން ޖީއެސްޓީ ބަޔާން ހުށައަޅަން ޖެހޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.