ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރީން ދެ މީހަކު ހައްޔަރު ކުރަން އެރަށަށް ދިޔަ ފަސް ފުލުހަކަށް ބަޔަކު ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭގެ ވަގުތެއްގައި ފަސް މީހުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ޓީމެއް މަޑުއްވަރީއަށް ދިޔައީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ދެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ކަމަށެވެ. އެއީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެރަށުގައި އީދު ޝޯ ބަލަންތިބި ކުދިންތަކަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކާއި ރޭގެ ވަގުތެއްގައި އެރަށު ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 8:30 އެހައިކަންހާއިރު އެ ދެ މީހުން ހައްޔަރު ކުރަން ފުލުހުން އުޅެނިކޮށް އެ ދެ މީހުންގެ އާއިލާގެ ބަޔަކާއި އިތުރު ބަޔަކު ފުލުހުންނަށް ހަމަލާދީ ފުލުހުން ބޭނުންކުރާ ހަތިޔާރުތައް އަތުލަން އުޅެފައިވާކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން އެ ފަސް ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރަން އުޅުނު ދެ މީހުންގެ އާއިލާގެ ބަޔަކާއި އެވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ވަނީ އެ ފަސް ފުލުހުންނަށް ހަމަލާދީފައި. އެ ހަމަލާގެ ސަބަބުން އެ ފަސް ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާނަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަޑުއްވަރީ ކައުންސިލް އިދާރާގެ ދޮރުހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އީދު ޝޯ ބަލަން ތިބި ކުދިންތަކަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އަދި ހައްޔަރު ކުރެވިފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަޑުއްވަރީ އަކީ ރ. އަތޮޅުގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ރަށްކަމުގައި ވީނަމަވެސް އެރަށުގައި ޕޮލިސްޓޭޝަނެއް ނުހުރެއެވެ.