ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން ބިދޭސީ ކޯޗެއް ގެނެސްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝާން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ގެނެސްފައި ވަނީ ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއް ކަމަށެވެ.

ރާއްޖޭގެ އަންހެން ފުޓުބޯޅަ ވަރުގަދަ ކުރުމަށް ޖަޕާނުން ގެނައި ކޯޗު މާލެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުންޏެވެ.

އޭއެފްސީގެ އޭ ލައިސަންސް ކޯޗެއް ކަމަށްވާ ނައޯކޯ ކަވަމޯޓޯ އަކީ ޖަޕާނުގެ ބޮޑެތި ލީގުތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ހަމަ އެހެންމެ ނައޯކޯ ވަނީ ތަފާތު ކްލަބުތަކަށް 2002 އިން ފެށިގެން ކޯޗުކޮށްދެމުން އައިސްފައެވެ.

އެފްއޭއެމުން ބުނީ، ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ ޓީމު ތަރައްގީ ކުރުމަށް ގެނައި ޖަޕާނު ކޯޗުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުގެ ފަރިތަކުންތައް ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

އެފްއޭއެމް އަންހެނުންގެ ފުޓުބޯޅައާ ބެހޭ ޑިޕާޓުމެންޓުގެ ހެޑް މަރިޔަމް މުހައްމަދު (މާޔަން) ވިދާޅުވީ، ރާއްޖެއަށް މިގޮތައް ކޯޗެއް ގެނައުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަރަށް ތާރިޚީ ކަމެއް. އަދި އަލަށް އަންހެން ގައުމީ ޓީމަށް ބޭރު ކޯޗަކު މި ލިބުނީ. މިއީ ވަރަށް އުއްމީދު ކުރި ދުވަހެއް. މި ކޯޗްގެ ސަބަބުން ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން،" މާޔަން ވިދާޅުވި އެވެ.

އަންހެނުންގެ ފުޓުބޯޅަ ވަރުގަދަ ކުރުމަށްޓަކައި އިތުރު ހަރަކާތް ތަކެއް ރޭވިފައި ވާކަމަށް ވެސް އެފްއޭއެމް އިން ބުނެފައިވެ އެވެ.