23 Jan 2011, 12:15
އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުން އުވާލަންޖެހުނަސް އިންޑިއާ ސަރުކާރުން އައިޖީއެމްއެޗަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްނުޖެހޭނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނާ ޑީއެމް މުލޭ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކުޅިވަރުގެ ސާމާނާއި ބޭސްފަރުވާ އަށް ބޭނުންވާ ސާމާނު ހަދިޔާކުރުމަށާއި އަދި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ އަށް އެހީތެރިވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މުލޭ ވިދާޅުވީ އާންމު ދިރިއުޅުމުގައި ވެސް ބައެއް ކަންކަމަކީ ހާސިލް ނުވާކަންކަން ކަމަށާއި އެފަދަ ކޮންމެ ފަހަރަކު ފިޑިވެ ފަހަތަށް ޖެހި މުސްތަގުބަލާ މެދު އުންމީދު ކަޑާލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ސަރުކާރާއި އެޕޯލޯ ހޮސްޕިޓަލާ ދެމެދު ވި އެއްބަސްވުން އުވާލަން ޖެހުނަސް ރާއްޖެ އަށް އެހީވުމުގައި އިންޑިއާ އިން ދެމިތިބޭނެ ކަމަށެވެ.
"ރާއްޖެ އަށް ހަލުވި ތަރައްގީތަކެއް އައިސްފައި ވިޔަސް އައިޖީއެމްއެޗް ދެމިހުންނާނެ، އިންޑިއާ އާއި ދިވެހި ރާއްޖެ އާ ދެމެދު މި އޮންނަ ޒަމާންވީ ގުޅުމުގެ ރަމުޒެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް އިނގޭ އެޕޯލޯ އާ ދެމެދު ވި އެއްބަސްވުން އުވާލަންޖެހުނު ކަން. އެކަމަކު އެއީ މުސްތަގުބަލަށްޓަކައި ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް ފަސްޖެހެން ވީ ކަމެއް ނޫން. އިންޑިއާ އިން ރާއްޖެ އަށް އެހީވުމުގައި ދެމިތިބޭނެ. އައިޖީއެމްއެޗަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އިންޑިއާ އިން ފަހެއް ނުޖެހޭނެ،" މުލޭ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އައިޖީއެމްއެޗް ހިންގުން އިންޑިއާގެ އެޕޯލޯ ކުންފުންޏާ މިދިޔަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ސަރުކާރުން ވަނީ އެޕޯލޯ އިން އެ އެއްބަސްވުމަށް އިހުތިރާމު ނުކުރާކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ އެއްބަސްވުން އުވައިލައިފަ އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ސިއްހީގޮތުންނާއި ކުޅިވަރުގެ ދާއިރާ އިން އަދި ޓެކްނޮލޮޖީގެ ދާއިރާ އިން ވެދިން އެހީއަކީ ރާއްޖެ އަށް ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށާއި އެމަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުން އެ އެހީތަކަށް ބޭނުންޖެހިފައިވާ މިންވަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިހާރު އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި އަޅުގަނޑު ކައިރިން ރައްޔިތުން އެދެނީ ޒުވާންނުންގެ މަރުކަޒުތައް އަޅައިދުނުމަށް ސިއްހީ ހިދުމަތް ރަނގަޅު ކޮށްދިނުމަށް. މިއަދު އިންޑިއާ އިން މި ވެދިން އެހީތަކަކީ ވަރަށް ވެސް ބޭނުންތެރި އެހީތަކެއް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް ޓެލެމެޑިސިންގެ ހިދުމަތް ތައަރަފްވެފައިވާ މި ދުވަސްވަރުގައި އިންޑީއާ އިން ރާއްޖެ އަށް ޓެކްނޮލޮޖީގެ ރޮގުން އެހީތެރިވުމަކީ ޓެލެމެޑިސިންގެ ހިދުމަތާއި މުއާސަލާތުގެ ހިދުމަތްތަށް ރަނގަޅުވެގެން ދާނެ ކަމެއް ކަމަށާއި މައުލޫމާތު ބަދަލު ކުރުމާއި ލިބިގަތުމުގައި ފަސޭހަވެގެން ދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު އިންޑި އާއި ރާއްޖެއާ ދެމެދު ވެވުނު ޓެކްނޮލޮޖީގެ އެގްރިމެންޓުގެ ދަށުން އިންޑިއާ އިން ރާއްޖޭގައި ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ހަތް މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ އިންޑިއާ އިން ހަދިޔާކުރި ސިއްހީދާއިރާގެ ސާމާނުގެ އަގު 200،000 ޑޮލަރަށް އަރާނެ ކަމަށެވެ. އަދި ކުޅިވަރުގެ ސަމާނުގެ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެހެންނަމަވެސް އަދި އެއީ ކޮންކޮން ތަކެއްޗެއް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.