ލިއޮނަލް މެސީގެ ސަބަބުން ބާސެލޯނާއަށް އައިފަދަ ހެޔޮ ބަދަލުތަކެއް، ބެލްޖިއަމް މިޑްފީލްޑަރު އެޑިން ހަޒާޑުގެ ސަބަބުން ޗެލްސީއަށް ވެސް ލިބިގެންދާނޭ ކަމަށް އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައިވާ މެސީއާއެކު ފެބްރިގާސް ވަނީ ބާސާގައި ތިން އަހަރު ހޭދަކޮށްފައެވެ. ބާސާއިން މިއަހަރު ޗެލްސީއަށް ސޮއިކުރި ފެބްރިގާޒް ބުނީ ހަޒާޑުގެ ކުޅުމަކީ ކާމިޔާބުތަކެއް ހޯދޭ ފެންވަރުގެ ކުޅުމެއް ކަމަށެވެ.

"އޭނާ އަކީ މި ޓީމުގެ މިޑްފީލްޑް އަދި އެޓޭކްގެ ލިންކު. އޭނާއަކީ އަހަރެމެންގެ މެސީ. ސަބަބަކީ އޭނާގެ ކުޅުމަކީ ޓީމަށް ބަދަލު ގެނެސްދޭ ކުޅުމެއް. އެގޮތަށް ކުޅެމުންދާ ކަމުގައިވާނަމަ އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާނެ،" ފެބްރިގާޒް ބުންޏެވެ.

ފެބްރިގާޒް ބުނީ ޗެލްސީގެ މިހާރު ސްކޮޑަކީ ޒުވާން ކުޅުންތެރިން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑެއް ކަމަށާއި އެއީ ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާރު ޗެލްސީގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން ތަކެއް. އަހަރެން ދެކެނީ އެއީ ވަރަށް ޕޮޒިޓިވް ކަމެއް ކަމަށް،" ފެބްރިގާޒް ބުންޏެވެ.