08 Oct 2014, 17:20
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެއާ ކާގޯގައި މުދާ ފާސްކުރުމުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ކަސްޓަމްސް އިން ތަކުރާރުކޮށް، އެންގުމުން ވެސް އެކަންކަން ރަނގަޅު ކޮށްފައިނުވާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) 10،000 ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.
ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެމްއޭސީއެލް މިއަދު ޖޫރިމަނާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަސްޓަމްސް ހިންގެވުމާ ހަވަލުކުރައްވާފައިވާ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު 'ސަން'އަށް ވިދާޅުވީ، އެއާޕޯޓްސް ކޮމްޕެނީ ޖޫރިމަނާކޮށްފައި ވަނީ އެއާޕޯޓުގައި ހުންނަ ކަސްޓަމްސް ސަރަހައްދުގައި މުދާ ބަލައި ފާސްކުރުމުގެ އެންމެހައި ކަންކަން ރަނގަޅު ކުރުމަށް މިނިސްޓަރު ތަކުރާރުކޮށް، އެންގެވުމުން މިހާތަނަށް ވެސް އެކަންތައްތައް ރަނގަޅުކޮށްފައި ނުވާތީ އެތައް ކަމެއް ބޮއްސުންލަމުން ގޮސްފައިވާތީ ކަމަށެވެ.
" އެއާކާގޯގައި މުދާ ބަލައި ފާސްކުރުމުގެ އެންމެހާ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް މިނިސްޓަރު ވަނީ އަންގަވާފައި، ނަމަވެސް އެކަމަށް އިޖާބަދީފައެއް ނުވޭ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދާދިފަހުން މިވަނީ ތަރުކާރީ ފޮށިގަނޑެއްގައި ފޮރުވައިގެން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެެރެކޮށްފަައި. އެކަން ކުރީ އެއާ ކާގޯ މެދުވެރިކޮށްކަން ފުލުހުންގެ އިންޓެލިޖެންސްއަށް ވަނީ އެނގިފައި،" ތަޒްމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓްސް ކޮމްޕެނީއާ މެދު ފިޔަވަޅު އަޅުއްވާފައިވަނީ ކަސްޓަމްސްގެ ގާނޫނުގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެ ފައިސާ އެމްއޭސީއެލްއިން 30 ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދެއްކުމަށާއި އެއާޕޯޓްގައިވާ ކަސްޓަމްސްގެ ސަރަހައްދުގައި މުދާ ބަލައި ފާސްކުރުމާ ބެހޭ އެންމެހައި ސަލާމަތީ ކަންކަން 60 ދުވަހުގެ ތެރޭގައި ރަނގަޅު ކުރުމަށް ވެސް މިއަދު އަންގައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މިހާރު އެއާޕޯޓުގައިވާ ކަސްޓަމްސްގެ އެއާކާގޯގެ ސަރަހައްދުގައި މުދާ ބަލައި ފާސްކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ރަނގަޅު ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅު ނުކޮށްފިނަމަ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން އިތުރު ފިޔަވަޅު އެޅޭނެ ކަމަށް ވެސް މިނިސްޓަރު އަންގަވާފައިވާ ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ 60 އިންސައްތަ މުދަލަކީ އެއާކާގޯ މެދުވެރިކޮށް އެތެރެކުރާ މުދާ ކަމުގައިވާއިރު މި މުދާތައް އެތެރެކުރަން ޖެހެނީ ކަސްޓަމްސްއިން ކަނޑައަޅާ ސަރަހައްދަކަށް ކަމަށް ކަސްޓަމްސްގެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެ މުދާ އެތެރެކުރާ ސަރަހައްދެއްގައި މުދާ ބަލައި ފާސްކުރުމަށް ބޭނުންވާ އެންމެހައި މެޝިނަރީޒްތަކާއި ސަލާމަތީ އެންމެހައި ކަންކަން ފޯރުކޮށްދޭންޖެހޭނީ އެ ބަނދަރަކާއި ހަވާލުވެފައިވާ ފަރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ގާނޫނުގައި އެވެ.