ފަތި ޓީވީ އަކާއި އަށް ސޯފާ ގޮނޑި ކައުންސިލަށްދޭ ބަޔަކަށް ނ. މަނަދޫގައި އޮތް ބިމެއް ކުއްޔަށް ދިނުން ޝަރުތުކޮށް އިއުލާންކޮށްފި އެވެ.

އެ ރަށުގެ މީހުން ދިރިއުޅޭ ސަރައްދުގައި އޮތް ބިމެއް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ ބިން 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށެވެ. އެ އިއުލާންގައިވާ ގޮތުން ފަތި ޓީވީ އަކާއި ސޯފާ ގޮނޑީގެ އިތުރުން އެ ބިން ކުއްޔަށް ނަގާ ފަރާތަކުން މަހަކު މަދުވެގެން 3000 ރުފިޔާ ކައުންސިލަށް ދޭން ޖެހެ އެވެ.

އަދި އެހެންމެ ބިމުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ހަ މަސް ދުވަސް ދެވޭނެ ކަމަށާއި އެ ހަ މަސް ދުވަހުގެ ކުލި ދެ އަހަރު ދުވަސް ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ވިދާޅުވީ އެ ކައުންސިލުން ބިން ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

"މަނަދޫ ކައުންސިލަކީ ހަމައެކަނި މި ރަށު މީހުން ހިދުމަތްހޯދާ ތަނެއް ވެސް ނޫން. އެހެންވީމާ އެ ކައުންސިލުން ހިދުމަތްތައް ވެސް އަދި އިމާރާތުގެ ފެންވަރު ވެސް ހުންނަން ވާނީ ރަނގަޅަށް ކަމަށް ދެކެން. ބިމެއް ކުއްޔަށް ދޭން ވެސް އިއުލާން ކޮށްފައި ވަނީ ވެސް ރައްޔިތުނަށް ފައިދާއަކަށް،" މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.