08 Oct 2014, 14:04
ރަޙުމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އަށް އައިސްގެން އުޅޭ އެމެރިކާ ސިފައިންގެ މަނަވަރު، ޔޫއެސްއެސް ރޮޑްނީ އެމް "ޑާވިސް"' ރާއްޖެ އަށް ކުރި ދަތުރުގައި އިއްޔެ ނޫސްވެރިންނަށް ދައްކާލައިފި އެވެ.
އެމެރިކާގެ އަސްކަރިއްޔާ އަށް 27 އަހަރު ހިދުމަތްކޮށްދީފައިވާ އެ މަނަވަރު މި ދަތުރަށް ފަހު ރިޓަޔާކުރުމަށް ވަނީ ނިންމާފަ އެވެ.
ވިއެޓްނާމުގައި އެމެރިކާ ސިފައިން ހަނގުރާމަ ކުރަނިކޮށް މަރުވި އެމެރިކާ މެރިންގެ ސާޖަންޓް ރޮޑްނީ އެމް ޑާވިސްގެ ނަމުން ނަން ދީފައިވާ އެ މަނަވަރަކީ މޭ 9، 1987 ވަނަ އަހަރު އެމެރިކާގެ ސިފައިންގެ ހިދުމަތާ ގުޅުނު، އޮލިވާ ހަޒާޑް ޕެރީ ކްލާސް ފްރިގޭޓް މަރުކާގެ މަނަވަރެކެވެ.
ގާތްގަނޑަކަށް 230 ވަރަކަށް އޮފިސަރުން މަސައްކަތްކުރާ "ޑާވިސް"ގެ ފުޅާ މިނުގައި 45 ފޫޓު ހުންނަ އިރު، މަނަވަރަކީ 453 ފޫޓު ދިގު، އިސްކޮޅުގައި 125 ފޫޓު ހުންނަ އެމެރިކާގެ ބޮޑެތި މަނަވަރުތަކަށް އެހީވެދޭ "ކުޑަ" މަނަވަރެކެވެ.
"ޑާވިސް"ގެ 27 އަހަރުވީ ތާރީހުގައި އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެފައިނުވި ނަމަވެސް، އެ މަނަވަރުވަނީ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން، 2001 ވަަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންގައި ބެލީޒް ނަމަކަށް ކިޔާ ގައުމެއްގެ މަސް ބޯޓަކުން 26931 ޕައުންޑްގެ ކޮކެއިން އަތުލައިގަނެފައިވެ އެވެ.
އެ އޮޕަރޭޝަންގެ އިތުރުން ވެސް މަސްތުވާތަކެތީގެ ގިނަ އޮޕަރޭޝަންތަކުގަ އާއި ގައުމުތަކަށް އެކިކަހަލަ އެހީތައް ވެދިނުމުގައި ޑާވިސް ވަނީ ބައިވެރިވެފަ އެވެ.
ރާއްޖެގައި "ޑާވިސް" ހޭދަކުރާ ދުވަސްތަކުގައި އެމްއެންޑީއެފްއާ ގުޅިގެން ގިނަ ހަރާކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަޙައްދާ ގުޅޭ ކަންކަމުގެ މައުލޫމާތު ބަދަލުކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް އެމްއެންޑީއެފް ކޯސްޓްގާޑާ އެކު ހިންގުމަށް ހަމަޖެހިފައިވާ އިރު، އެމެރިކާގެ އެ މަނަވަރުގެ ސިފައިންނާއި އެމްއެންޑީއެފާ އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކާއި ބާސްކެޓް ބޯޅަ މެޗަކާއި ވޮލީ މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އިން އެ މަނަވަރު ފުރުމަށް ހަމަޖެހިފައި ވަނީ މާދަމަ އެވެ.