08 Oct 2014, 13:21
އެމްނެސްޓީގެ ދަށުން މިޔަންމާގެ 3،073 ގައިދީން އިއްޔެ ޖަލުން މިނިވަންކޮށްފި އެވެ.
މިއަހަރު ނިމެންވާއިރަށް ހުރިހާ ގައިދީން ދޫކޮށްލުމަށް ރައީސް އޮފީހުން ބުނެފައިވާ އިރު އިއްޔެ ދޫކޮށްލި ގައިދީންގެ ތެރޭގައި އެއްވެސް ސިޔާސީ ގައިދީއެއް ނުހިމެނޭ ކަމަށް އޭބީސީ ނިއުސް އިން ބުނެފައިވެ އެވެ.
އިއްޔެ ދޫކޮށްލި ގައިދީންގެ ތެރޭގައި ގިނަ މީހުންނަކީ ކުދި ކުށްކުށުގައި ޖަލަށް ލާފައިވާ މީހުންނެވެ. ނަމަވެސް އޭގެ ތެރޭގައި އަށަކަށް ވުރެ ގިނަ އިންޓެލިޖެންސް އޮފިސަރުން ހިމެނޭ ކަމަށް އޭބީސީ އިން ބުނެ އެވެ. އެމީހުންނަކީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައިވާ މީހުންނެވެ.
މިނިސްޓްރީ އޮފް އިންފޮމޭޝަން އިން ބުނާ ގޮތުގައި އެ ގައިދީން ދޫކޮށްލާފައި ވަނީ ހިއުމެނިޓޭރިއަން ގްރައުންޑުން' ކަމަށެވެ. ނުވަތަ އިންސާނިއްޔަތުގެ އަމަލެއްގެ ގޮތުން ކަމަށެވެ.

ކުރީގެ ސިޔާސީ ގައިދީއެއް ކަމަށްވާ ޔިއަންގް ބުނީ 13 ސިޔާސީ ގައިދީން ދޫކޮށްލުމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ގައިދީއަކު ދޫކޮށްފައި ނުވާ ކަމަށެވެ.
ތެއިން ސެއިން ބާމާގެ ރައީސް ކަމަށް 2011 ވަނަ އަހަރު އެރައިވަޑައިގަތުމާ އެކު ސިޔާސީ ގައިދީންތައް ދޫކޮށްލާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ވައުދުގެ ދަށުން މިހާތަނަށް 1000 ގައިދީއަކު ވަނީ ދޫކޮށްލައިފަ އެވެ.
އިއްޔެ ދޫކޮށްލި ގައިދީންގެ ތެރޭގައި އަށް ސީނިއާ މިލިޓަރީ އިންޓެލިޖެންސް އޮފިސަރުން ހިމެނެ އެވެ.