ވެސްޓް ޕާކް ސަރަހައްދު ބޭރުގައި އަޅާފައި އޮތް ބޯޓެއްގައި ދެ މީހަކަށް އަނިޔާވީ އެ ބޯޓުގެ ކޮންޓޭނަރެއްގައި ހުރި ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެފައި ވަނީ ފަލްކާ މަތީގައި ވެލްޑިންގް ކުރަމުން ގެންދަނިކޮށް، އެ ބޯޓު ތެރޭގައި ހުރި ކޮންޓޭނަރެއްގެ ތެރެއިން ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަލިފާނުގެ އެއްވެސް ކަމެއް ހިނގާފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ އެ ބޯޑުގެ ސެކަންޑް އޮފިސަރަކަށް އުޅޭ ދިވެއްސަކަށާއި އެ ބޯޓުގެ ވެލްޑަރަކަށް އުޅޭ ބިދޭސީ މީހަކަށެވެ. އެ ހާދިސާގައި ބިދޭސީ މީހާގެ ފައި ބިނދިގެން ފަރުވާދެމުން އަންނަ އިރު ދިވެހި މީހާ އަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.