23 Jan 2011, 11:59
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ފުވައްމުލަކަށް ވަޑައިގަތުމުން ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައި، ދެ މީހަކު ހައްޔަރުމަށް ފަހު އެކަކު ދޫކޮށްލައިފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ މިދިޔަ ހުކުރު ދުވަހު ރައީސް މައުމޫން ފުވައްމުލަކަށް ވަޑައިގެން، އެ ރަށު ދަޑިމަގު އަވަށުގެ ގެއެއްގައި ހުންނަވަނިކޮށް، އެ ސަރަހައްދުގައި ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންތަކެއްގެ މެދުގައި ހިންގި ހަމަނުޖެހުންތަކެއްގައި ދެ މީހަކު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ކޯޓް އަމުރެއްގެ ދަށުން އެކަކު އިއްޔެ ދޫކޮށްފައިވާ ކަމަށާއި އަނެއް މީހާގެ ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ފުލުހުން ބުނީ ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގަން މެދުވެރުވީ ރައީސް މައުމޫން ދަޑިމަގު އަވަށުގެ ގެއެއްގައި ހުންނަވަނިކޮށް އެ ސަރަހައްދުގައި ތިބި ޑީއާރުޕީގެ ސަޕޯޓަރުންތަކެއްގެ ތެރެއަށް، އެމްޑީޕީގެ ލަވަ ޖަހަމުން ދިޔަ ޕިކަޕެއް ވަނުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ، ފުލުހުން އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް އެ ސަރަހައްދުން މީހުން ދުރަށް ލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ޕިކަޕަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޑީއާރުޕީގެ ސަޕޯޓަރެކެވެ.