އަލް ފްރެޝްކޯ ކެފޭ ހުސްކުރުމަށްފަހު އެތަން ހަވާލުކުރުމަށް އެސްޓީއޯ އިން އަންގާފައި ވަނީ އެކުންފުންޏަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ އޯޕަން އޭރިއާގައި ހިންގާ "ކެފޭ އަލްފްރެޝްކޯ" ހުސްކުރުމަށް އެތަން ހިންގާ ކުންފުނި ކަމުގައިވާ ކްލައުޑު ނައިން ކެފޭސް އެންޑް ކޭޓަރިންގް އިން އަށް އަންގާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެސްޓީއޯގެ އެންގުމާ މެދު ހިތްހަމަނުޖެހިގެން ކްލައުޑު ނައިން ކެފޭސް އެންޑް ކޭޓަރިންގް އިން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އަލްފްރެޝްކޯ ހިންގުމަށް ހަވާލުކުރި އެއްބަސްވުމުގައިވާގޮތުން އެސްޓީއޯ އިން ބޭނުންވެއްޖެ ހާލަތެއްގައި ނޯޓިސް ދިނުމަށްފަހު އެއްބަސްވުން ބާތިލްކުރުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު އެސްޓީއޯ އަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން ކްލައުޑު ނައިން ކެފޭސް އެންޑް ކޭޓަރިންގް އިން އެދިފައިވާ ފަދައިން އެ އެއްބަސްވުމުގައި ބާކީ އޮތް މުއްދަތު ހަމަވަންދެން އެތަން ބޭނުންކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވާކަމަށް ކަނޑައަޅެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.