ވަކި ދައުލަތެއް ގާއިމު ކުރުމަށް އިރާގުގައި ހަރަކާތްތެރިވާ "އިސްލާމިކް ސްޓޭޓް"އާ ދެކޮޅަށް ކެނެޑާގެ ފޯސްތަކުން ވައިގެ ހަމަލާތައް ދިނުމަށް ކެނެޑާގެ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.

ދަ އިންޑިއަން އެކްސްޕރެސް އިން މިއަދު ބުނީ ކެނެޑާގެ ބޮޑުވަޒީރު ސްޓެފާން ހާޕާސްގެ ކޮންޒަވޭޓިވް ޕާޓީން އެ މޯޝަން ޕާލަމެންޓަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށާއި އެެއާ މެދު ބަހުސު ކުރީ މި ހަފްތާގައި ކަމަށެވެ.

ހާޕާސްގެ މެޖޯރިޓީ އޮންނަ ޕާލަމެންޓުން އެ މޯޝަން ފާސްކުރީ 157 ވޯޓު، 134 ވޯޓުންނެވެ.

އިރާގުގެ "އިސްލާމިކް ސްޓޭޓް"އާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމަށް މޯޝަންގައި ހުއްދަ ދީފައި ވަނީ ގިނަވެގެން ހަ މަސް ދުވަހަށެވެ. ނަމަވެސް ބިމުން އެއްވެސް ހަމަލާއެއް ދިނުމުގައި ކެނެޑާގެ ފޯސްތައް ބައިވެރި ނުވާނެ ކަމަށް ވެސް މޯޝަންގައި ބުނެ އެވެ.

ކެނެޑާގެ ކޮމްބެޓް މިޝަންގައި ސީއެފް 18 މަރުކާގެ ހަ ފައިޓާ ޖެޓާއި ރިފިއުލިން ޓޭންކާ އެއާކްރާފްޓަކާއި ދެ ސާވެޔަލަންސް ބޯޓާއި އިތުރު މަތިންދާ ބޯޓެއް ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް 600 މީހުން ބައިވެރިވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކެނެޑާއަކީ ވަކި ދައުލަތެއް ހަދަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން އިއުލާންކޮށްފައިވާ ހަރަކާތުގައި ބައިވެރިވި 12 ވަރަކަށް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ އައިއެސްއަކީ ބޮޑު ނުރައްކަލެއް ކަމަށާއި އެ ނުރައްކާ ކެނެޑާ އަށް ވެސް ކުޑަ ނޫން ކަމަށެވެ.