08 Oct 2014, 10:42
އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުހައްމަދު،68، ގެ ބަންދަށް އަނެއްކާވެސް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސްތަފާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައި ވަނީ އިއްޔެ ކަމަށާއި އެދުވަސްތައް ގުނަން ފެށޭނީ މިއަދު ކަމަށެވެ.
މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މި ދިޔަ މަހުގެ 12 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ، އެ ޖަމާއަތަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.