ޗައިނާގެ ހުޅަނގު ދެކުނަށް އިއްޔެ އައި ބިންހެލުމެއްގައި އެކަކު މަރުވެ، 324 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ، ޒިންހުއާ އިން ބުނެފި އެވެ.

ރަސްމީ ފަރާތްތަކާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީ އިން ބުނީ 6.6 މެގުނެޓިއުޑުގެ ބާރުގައި އައި ބިންހެލުމުގައި އެންމެ ގިނަ ބަޔަކަށް އަނިޔާވީ ބިންހެލުން އައި ކައުންޓީ، ޖިންގުގެ މީހުންނަށް ކަމަށެވެ. އަދި ޖިންގު ކައުންޓީގެ 92،700 މީހުންނަށް ބިންހެލުމުގެ ގެއްލުންވެފައިވާ ކަމަށާއި 56،880 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

ދިހަ ކިލޯ މީޓަރު އަޑިން ބިންހެލުން އައީ ރޭ ބޭޖިން ގަޑިން 9:49ގައި ކަމަށާއި 290،000 މީހުން އުޅޭ ރަށަށް ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ވެސް ޒިންހުއާ އިން ބުންޏެވެ.

މިދިޔަ އޯގަސްޓް މަހު 3ގައި ޗައިނާގެ ޔުނާން ޕްރޮވިންސަށް އައި ބިންހެލުމެއްގައި 600 މީހުން ވަނީ މަރުވެފަ އެވެ.