ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އެޓޯލް ކަޕް" ގައި ވާދަކުރާ ހަނިމާދޫގެ ދެ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

ހަނިމާދޫގެ ޓީމެއް ކަމަށްވާ ސާއްބަ އެކުވެރި ކްލަބު ފައިނަލުން ޖާގަ ހޯދާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނޮޅިވަރަމް ޓީމާ ބައްދަލުކޮށް 2-3 އިން މޮޅުވެގެންނެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުޅުދުއްފުށީގެ ޒިގްޒެގް ޓީމާ ބައްދަލުކޮށް 1-3 އިން މޮޅުވެގެންނެވެ.

ހަނިމާދޫގެ ދެ ޓީމްގެ ތެރެއިން އަތޮޅު ކަޕުގައި ކުޅެ ތަޖުރިބާ ލިބިފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށެވެ. އެހެން ނަމަވެސް ޓީމުގެ ރައީސް އިބްރަހިމް ހަލީލު ވިދާޅުވީ އެރަށުގެ އަނެއް ޓީމުގެ ކުޅުން އެ ޓީމުގެ ތަޖުރިބާއާ އެއްވަރު ކުރާ ކަމަށެވެ.

"ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އެންމެ ބޮޑު އެޑްވާންޓޭޖަކަށް ވާނީ ތަޖުރިބާ. އަޅުގަނޑުމެން ކުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެކަމަކު އެއީ ހަމައެކަނި އެޑްވާންޓޭޖް. އިދިކޮޅު ޓީމުގެ ޕާފޯމެންސަށް ބަލާފައި އެކަމަކު އެނގޭ ދެޓީމުވެސް އޮތީ ވަރަށް ލެވެލްކޮށް ކަން. ވަރަށް ބެލެންސްކޮށް އޮތީ ދެޓީމުވެސް،" ޚަލީލު ވިދާޅުވިއެވެ.

ސާއްބަ އެކުވެރި ކްލަބްގެ ރައީސް ހަސަން ޝާހިދު (ކާލޮސް) ވިދާޅުވީ ތަޖުރިބާ މަދު ކަމުގައި ވިޔަސް ދެއްކެން އޮތް އެންމެ މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ.

"ތަޖުރިބާގެ ގޮތުން ބަލާއިރު ޒުވާނުންގެ ޖަމިއްޔާ މާ ބޮޑަށްވެސް މޮޅުވާނެ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ އެއްވެސް އެޑްވާންޓޭޖެއް ނެތް. އެކަމަކު އަޅުގަނޑުމެން ދެއްކެން އޮތް އެންމެ ރަނގަޅު ކުޅުމެއް ދައްކާނަން. ރަށު ޓިމެއް ވިޔަސް ކަށިގަނޑު ފުންމާލުމަށް ފަހު ހަމަ އެހެން ޓީމު ތަކެއްހެން އަޅުގަނޑުމެން ދެކޭނީ،" ޝާހިދު ވިދާޅުވިއެވެ.

ޒުވާނުންގެ ޖަމްއިއްޔާގައި އަނިޔާގެ އެއްވެސް މައްސަލައެއް އަދި ސަސްޕެންޝަނެއްވެސް ނެތް ކަމަށް ޖަމިއްޔާގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ސާއްބަ އެކުވެރި ކުލަބުގެ ބައެއް ކުޅުންތެރިންނަށް އަނިޔާ ވެފައިވާއިރު މިއަދު މެޗު ކުޅެން ޖެހޭނީ އެކުޅުންތެރިން ނުހިމަނާ ކަމަށް ކްލަބުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު ހަނިމާދޫގެ ދެ ޓީމު ބައްދަލުކުރާ މެޗް ކުޅެން ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ.